23 Aug 2016, 09:12
އުރީދޫ އިންޓަނެޓަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ރޭ ގާތްގަނޑަކަށް 10 ޖެހިއިރުން ފެށިގެން އުރީދޫގެ އޭޑީއެސްއެލް އާއި މޯބްއިލް އިންޓަނެޓަށް ވަނީ މައްސަލަތަކެއް ދިމާވެފައެވެ. ސުޕަރނެޓުގެ ގޮތުގައި ދެމުންދާ ހިދުމަތް މެދުކެނޑުނުއިރު މޯބައިލް އިންޓަނެޓު މެދުވެރިކޮށް ބުރައުޒް ކުރުމަށް ވެސް ދަތިތަކަކާ ކުރިމަތިވިއެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ، އެ ކުންފުނީގެ އިންޓަނެޓަށް ދިމާވި މައްސަލަ ރޭ 4:30 އިން ފެށިގެން އެއްކޮށް ހައްލުކޮށްފައިވާ ކަމަށެވެ.
އިންޓަނެޓަށް މައްސަލަ ދިމާވަން މެދުވެރިވި ސަބަބެއް އުރީދޫން ހާމައެއް ނުކުރެއެވެ.