23 Aug 2016, 09:50
ބޭންކޮކް (އޮގަސްޓް 23): ޓްރާންސްޖެންޑާ އަންހެނަކު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ތައިލޭންޑުގެ ހޮޓަލެއްގެ އެނދުތަންދޮށުގައި ފޮރުވި މައްސަލާގައި ތައިލޭންޑުގެ ދެ ކުޑަކުދިންގެ މައްޗަށް ދައުވާކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މަރާލާފައިވާ 28 އަހަރުގެ އެމްފަން ކޮންސޮންގް އާއި އޭނާގެ މަރުގެ މައްސަލާގައި ދައުވާ ކޮށްފައިވާ 17 އަހަރުގެ ކުއްޖާއާ ދިމާވީ ފޭސްބުކުންނެވެ. އަދި ކޮންސޮންގް ވަނީ ޕަތާޔާ އިން އެ ކުއްޖާ އަށް ވަޒީފާއެއް ހޯދައި ދޭނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް ޕަތާޔާގެ ހޮޓަލެއްގެ ކޮޓަރިއެއްގައި އެ ދެމީހުން ތިއްބާ ޖެހުނު މައްސަލައެއްގެ ސަބަބުން، 14 އަހަރުގެ ކުއްޖެއްގެ އެހީގައި 17 އަހަރުގެ ކުއްޖާ، ކޮންސޮންގް މަރާލުމަށް ފަހު އެ ކޮޓަރީގެ އެނދުތަންދޮށުގައި އޭނާގެ ހަށިގަނޑު ފޮރުވީ އެވެ.
ފުލުހުން ބުނި ގޮތުގައި ކޮންސޮންގް މަރާލާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފެނުނީ ހޮނިހިރު ދުވަހު އެވެ. އޭގެ ކުރިން ދެމަފިރިއަކު ވަނީ ކޮޓަރީގައި އެއް ދުވަސް ހޭދަ ކޮށްފަ އެވެ. އަދި ކޮޓަރިން ނުބައި ވަސް ދުވާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.
ކޮންސޮންގްގެ ހަށިގަނޑު ފެނުނީ، އޭގެ އަނެއް ދުވަހު ކޮޓަރި ސާފު ކުރަމުން ދިޔަ މެއިޑަށް އެނދު ކައިރިން ލޭ ފެނިގެން، އެކަން ހޮޓަލުގެ އިސްވެރިންނަށް އެންގުމުންނެވެ.
އެ ދެ ކުދިންގެ ޝަރީއަތް ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުގަ އެވެ. (ބީބީސީ)