23 Aug 2016, 08:54
އައްމާން(އޭއެފްޕީ) – ދިރާސީ އާ އަހަރަށް ސީރިއާގެ އިތުރު ރެފިއުޖީ ކުޑަކުދިންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އުރުދުން ސަރުކާރުން ނިންމައިފިއެވެ.
އުރުދުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު މޫމާނީ ވިދާޅުވީ، އެގައުމުގެ ތައުލީމީ ކަލަންޑަރުގައި ވާގޮތުން އަންނަ މަހު ފަށާ ދިރާސީ އާ އަހަރާ އެކު ދައުލަތުގެ ސްކޫލްތަކުން ސީރިއާގެ އިތުރު ކުދިންނަށް، އެކުދިންގެ ލިޔެކިޔުންތައް ފުރިހަމަ ނުވިނަމަވެސް، ޖާގަ ދިނުމަށް އަންގާފައިވާ ކަމަށެވެ.
އެ ނިންމުމާއެކު އިތުރު 50،000 ސީރިއާ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އުރުދުންގެ އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ދައުލަތުގެ 102 ސްކޫލެއް ދެ ދަންފަޅިއަކަށް ބަދަލުކޮށްފައެވެ.
ގާތްގަނޑަކަށް ހަ ލައްކައަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން އަންނަ އުރުދުންގައި މިދިޔަ އަހަރުގައި ވަނީ 145،000 އަށްވުރެ ގިނަ ރެފިއުޖީ ސީރިއާ ކުޑަކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދީފައެވެ. އަދި ސްކޫލްތަކަށް ވަން ކުދިންގެ އަދަދު ގިނަވެ، ޖާގަ ނުލިބުމުގެ ސަބަބުން ސީރިއާގެ 91،000 ކުދިންނަށް ވަނީ ސްކޫލް ތައުލީމުން މަހުރޫމްވެފައެވެ.
ސީރިއާ ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގައި އުރުދުންގެ ސަރުކާރަށް އެހީވުމަށް އިނގިރޭސި ވިލާތާއި އެމެރިކާ އާއި ނޯވޭ އަދި ސްވިޒަލޭންޑުން ވަނީ 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއްވެސް ދީފައެވެ.
އުރުދުންގެ ދައުލަތުގެ ސްކޫލްތަކުން ސީރިއާގެ އިތުރު ކުޑަކުދިންނަށް ޖާގަ ދޭން ނިންމާފައިވާއިރު، އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ ވޭތުވެދިޔަ ތިން އަހަރަށްވުރެ ގިނަ ދުވަހު ސްކޫލް ތައުލީމުން މަހުރޫމްވެފައިވާ އުމުރުން 8 އަހަރާއި 12 އަހަރުގެ 25،000 ކުދިންނަށް ހާއްސަ ކުލާސްތަކެއް ހެދުމަށް ޕްލޭން ކުރަމުންދާ ކަން އިއުލާންކޮށްފައެވެ.