31 May 2011, 09:24
ސްޓޮކްހޯމް : ހަމަޖެހޭ އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރާމީހުންނަށް މުސްކުޅިބަލި ޖެހޭ ނިސްބަތް، އެނޫން މީހުންނަށްވުރެ މަދުކަން، ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެވެ.
ސްވިޑްންގެ މެޑިކަލް ރީސާޗާބެހޭ އިންސްޓިއުޓަކުން ކުރި މިދިރާސާގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި އަންހެން ރީސާޗަރެއް ކަމަށްވާ މިޔާ ކިވިބޮލްޓޯ ވިދާޅުވިގޮތުގައި ހަމަޖެހޭ އަދި އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރާމީހުންނަށް މުސްކުޅިބަލި ޖެހޭ ނިސްބަތް، މައްސަލަބޮޑު ޒަވާޖީ ހަޔާތް ހޭދަކުރާމިީހުންނަށްވުރެ އެތަށް ގުނައެއް މަދުކަން މިދިރާސާއިން ހާމަވެއެވެ.
ހަމައެފަދައިން އާދައިގެ ޙާލަތެއްގައި ނަމަވެސް ކައިވެނިކޮށްގެން އުޅޭ މީހުންނަށް މުސްކުޅިބަލި ޖެހޭ ނިސްބަތްވެސް ކައިވެނި ނުކުރާ ނުވަތަ ވަރިވެފައިވާ މީހުންނަށް އެބަލިޖެހޭ ނިސްބަތަށްވުރެ މަދުކަން މިދިރާސާއިން ހާމަވާ ކަމުގައެވެ.
މުސްކުޅި ބަލީގެ ގޮތުގައި އެދިރާސާގައި ސިފަކޮށްފައިވަނީ އުމުރު މައްޗަށް ދިޔުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ "ޑިމެންޓިޔާ" އަށެވެ. މިދިރާސާ ކުރުމުގައި އުމުރު މައްޗަށް ގޮސްފައިވާ ދެހާހަށްވުރެ ގިނަ މީހުންގެ ޙަޔާތް ބަލައި ސަރވޭކޮށްފައިވާއިރު މީގެތެރޭގައި ކައިވެނިކޮށްގެން އުފާވެރި ޙަޔާތެއް ހޭދަކުރާ މީހުންނާއި ކައިވެނި ނުކޮށް އުޅޭ މީހުންނާ، ވަރިވެފައިވާ މީހުންނާއި އަދި ކައިވެނިކުރިނަމަވެސް އެންމެ އުފާވެރިކޮށް ޙަޔާތް ވޭތިނުކުރާ މީހުން ހިމަނާފައިވެއެވެ.
މިދިރާސާއިން ޙާމަވި ޙަޤީޤަތްތަކުގެ ތެރޭގައި މުސްކުޅި ބަލިޖެހޭ ނިސްބަތް، އަންހެނުންނަށްވުރެ ފިރިހެނުން އިތުރުކަން ހިމެނެއެވެ. އަދި ޒަވާޖީ ޙަޔާތާއި މުސްކުޅި އުމުރުގައި އިންސާނާގެ ސިކުނޑީގެ ޤާބިލްކަން ހުންނަ މިންވަރާމެދު ބޮޑެތި ގުޅުންތަކެއް ވާކަންވެސް މިދިރާސާއިން ހާމަވާކަމަށް މިކަމުގައި އިސްކޮށް އުޅުއްވި މިޔާ ކިވިބޮލްޓޯ ފާހަގަ ކުރައްވައެވެ. (ޔޫ.ބީ.އައި)