19:00


ސަންއެފްއެމް އެވޯޑްސް 2009 ގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބައްވާ ގޮތަށް ހަމަޖައްސައިފި އެވެ.


ސަންއެފްއެމް އެވޯޑްސް އަކީ ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ފާހަގަކުރެވޭ ޝަހުސިއްޔަތުން ހޮވުމަށް 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ސަންއެފްއެމުން ތައާރަފްކޮށްފައިވާ އެވޯޑެކެވެ. މިގޮތުން 2009 ވަނަ އަހަރުގެ ސަންއެފްއެމް އެވޯޑުގައި ފަސް ދާއިރާއަކުން އަށް އެވޯޑް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.


ދަރުބާރުގޭގައި މާދަމާ ރޭ ނުވައެއް ޖަހާއިރު ފެށުމަށް ހަމަޖައްސާފައިވާ ސަންއެފްއެމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު ޓީވީއެމުންނާއި ސަންއެފްއެމުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.


ސަންއެފްއެމް އަހަރުގެ އެންމެ މަޤުބޫލް ޝަހްސިއްޔަތު އެވޯޑް 2009 ށް ވާދަކުރައްވާ ބޭފުޅުންނަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމާއި ފީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީނާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަދި ޑީއާރުޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރ އަހުމަދު ތަސްމީން އަލީ އެވެ.


ސަންއެފްއެމްގެ އަހަރުގެ އެންމެ މަޤްބޫލް ވިޔަފާރި ޝަޙްސިއްޔަތު އެވޯޑް 2009 އަށް ވާދަކުރަނީ ކުރީ މައްސޫރު ފުޅުބޯޅަ ކުޅުންތެރިޔާ އަހުމަދު ކަލީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މައްސޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް އަދި ޗަންޕާ ހުސެއިން އަފީފެވެ.


ސަންއެފްއެމްގެ އަހަރުގެ އެންމެ މަގުބޫލް މުނިފޫހި ފިލުވައިދިނުމުގެ ޝަޙްސިއްޔަތު އެވޯޑް 2009 އަންހެން، މި އެވޯޑަށް ވާދަކުރާ ތިން ފަރާތަކީ މައްސޫރު ލަވަކިޔުންތެރިޔާ މާއިން ރަޝީދާއި މައްސޫރު ފިލްމީ ތަރި މަރިޔަމް އަފީފާ އަދި ޓީވީއެމުން ގެނެސްދިން އެހަނދާނުގެ ޑުއެޓް ޝޯ އިން ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ މަރިޔަމް ނަދާ އިނާޒެވެ.


ސަންއެފްއެމް އަހަރުގެ އެންމެ މަގުބޫލް މުނިފޫހި ފިލުވައިދިނުމުގެ ޝަޙްސިއްޔަތު 2009 ފިރިހެން، މި އެވޯޑަށް ވާދަކުރާ ތިން ފަރާތަކީ މައްސޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު ( ޔޫއްޕެ ) އާއި މައްސޫރު ލަވަކިޔުންތެރިޔާ މުހްތާރު އާދަމް އަދި މައްސޫރު ފިލްމީ ތަރި އަދި ކޮމޭޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.


ސަންއެފްއެމް އަހަރުގެ އެންމެ މޮޅު ކުޅިވަރު ޝަޙްސިއްޔަތު އެވޯޑް 2009 އަންހެން، މިއެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ ނެޓް ބޯޅަ އާއި ބާސްކެޓްގެ އިތުރުން ވޯލީ ބޯޅައިގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިޔާ އައިސަތު ނާޒިމާ އާއި މައްސޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ އައިމިނަތު ޝިއުރާ އަދި ހުނަރުވެރި ނެޓް ބޯޅަ ކުޅުންތެރިޔާ އައިސަތު ނައުރާ އެވެ.


ސަންއެފްއެމް އަހަރުގެ އެންމެ މޮޅު ކުޅިވަރު ޝަޙްސިއްޔަތު އެވޯޑް 2009 ފިރިހެން، މިއެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މައްސޫރު ވޮލީ ބޯޅަ ކުޅުންތެރިޔާ އިބްރާހިމް ނިޒާރާއި ޤައުމީ ޓީމުގެ އިތުބާރު ކީޕަރު އިމްރާން މުހައްމަދު އަދި މައްސޫރު ފުޅުބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް ( އޮއްޕޮ) އެވެ.


މީގެއިތުރުން މާދަމާ ރޭ އޮންނަ ސަންއެމްއެމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ސަންއެފްއެމުން ހޮވާ ސަންއެފްއެމް މަޖިލީހުގެ ސަޙްސިއްޔަތަށް ހޮވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކަށް ވެސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އެންމެ މަޤްބޫލް ސަޙްސިއްޔަތު އެވޯޑް ލިބޭ ދެ މެންބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މަފްލޫފާއި ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދެވެ.


ސަންއެފްއެމް އެވޯޑްސް 2009 ގެ ހަފުލާގައި މުނިފޫހި ފިލުވުމުގެ ކުލަގަދަ ހަރާކާތަކެއް ހިމެނޭނެ ކަމަށް އެ އެވޯޑް އިންތިޒާމްކުރާ ކޮމިޓީން ބުނެ އެވެ.