އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 0-1ގެ ނަތީޖާ އަކުން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭސަން ކުލަބު ތާވަލުގެ އެއް ވަނާގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ދެ ވަނަ ބުރު ނިންމާލައިފި އެވެ.

ލީގުގެ ދެ ވަނަ ބުރު މިރޭ ނިމުނު އިރު ކޮންމެ ޓީމަކުން ވެސް ވަނީ 14 މެޗު ކުޅެފަ އެވެ. މާޒިޔާ އެއް ވަނާގައި 31 ޕޮއިންޓާ އެކު އޮތް އިރު ދެ ވަނާގައި އޮތް އީގަލްސް އަށް ލިބެނީ 27 ޕޮއިންޓެވެ.

މިރޭގެ މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ދާދި އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސް އިންނެވެ. ނަމަވެސް ބިދޭސީ ފޯވާޑް ރިސްޓޭ ނައުމޯވް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިންނެވެ.

އީގަލްސްގެ އެ ހަމަލާއަށް ފަހު މާޒިޔާ އިން ގާތް ގާތުގައި ރަނގަޅު ދެ ހަމަލާއެއް އުފެއްދި އެވެ. ނަމަވެސް އަލީ އަޝްފާގު (ދަގަނޑޭ) އާއި މުހައްމަދު އުމައިރު ފޮނުވާލި ދެ ބޯޅަ ވެސް އީގަލްސްގެ ގޯލާ އަމާޒު ނުވެ ވަނީ ބޭރަށް ގޮސްފަ އެވެ.

އެ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އަހުމަދު އިމާޒް(އާއްކޮ) ކާމިޔާބު ކުރީ ކެޕަޓަން އަސަދުﷲ އަބްދުﷲ(އަސައްކޮ) ނަގައިދިން ހުރަހެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ ރަނގަޅަށް ކުޅެ އީގަލްސްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފްއްދާފައެވެ. ނަމަވެސް ދަގަނޑޭ އާއި އަސައްކޮ އަދި އުމައިރު ފޮނުވާލި ހަމަލާތަކުގެ ހުރަކަށްވީ އީގަލްސްގެ ލަންކާ ގައުމީ ކީޕަރު ސުޖަން ޕެރޭރާ އެވެ.