ރެސްޓޯރެންޓްތަކަށް ނުވަތަ ކޮންމެވެސް ކާތަނަކަށް ގޮސް އޯޑަރުކުރާ ކާއެއްޗެއް ހުސްނުކޮށް އިސްރާފު ކުރުމަކީ ގިނަ ބައެއްގެ އާދައެކެވެ. ނުކެވޭ ވަރަށް ކާއެއްޗެހި އަޅައިގެން އުކާލަންޖެހޭ ފަހަރު ގިނައެވެ. އދ. ގެ ތިމާވެށި ޕްރޮގްރާމް (ޔޫއެންއީޕީ) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުން، ދުނިޔޭގައި އުފައްދާ ކާއެއްޗެހީގެ ތިން ބައިކުޅަ އެއްބަޔަކީ އުކާލެވޭ އެއްޗެހިއްސެވެ. ފައިސާ އިން ބުނާނަމަ އެއީ ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރެވެ.

ޖަރުމަނުގެ ބައެއް ރެސްޓޯރެންޓުތަކުން ވަނީ އުކާލެވޭ ކާއެއްޗެހި މަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފައެވެ. އެގޮތުން ޖަރުމަނުގައި ހުންނަ ޖަޕާނުގެ ދެ ރެސްޓޯރެންޓަކާއި ޗައިނީސް މޮންގޯލިއަން ރެސްޓޯރެންޓަކުން ވަނީ އޯޑަރު ކުރާ ކާއެއްޗެހި ހުސްނުކުރާ ކަސްޓަމަރުން ޖޫރިމަނާ ކުރަން ފަށައިފައެވެ.

މިއީ ކަސްޓަމަރުން އަބަދުވެސް އިސްވާންޖެހޭނެ ކަމަށް ބުނާ ބުނުމާ ދެކޮޅު ކަމަކަށްވެދާނެއެވެ. ނަމަވެސް ޖޫރިމަނާ ކުރާ ރެސްޓޯރެންޓުތަކުން ބުނާގޮތުގައި މިއީ އުކާލާ ކާއެތިކޮޅުން އިތުރަށް ޗާޖުކުރުމުގެ ބަދަލުގައި އެ ކަސްޓަމަރަކަށް ކެވޭ ވަރަކުން ކާއެއްޗެހި އޯޑަރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ކަމެކެވެ.

އެގޮތުން ޖަރުމަނުގެ ހުޅަނގުދެކުނުގައި އޮންނަ ސްޓަޓްގާޓްގައި ހުންނަ ޔުއޯކީ ރެސްޓޯރެންޓުން އަންނަނީ އެ ރެސްޓޯރެންޓުން ދޭ ސޫޝީ ބުފޭ އިން ކާއެއްޗެހި ނަގައިގެން އިސްރާފު ކުރާ ކަސްޓަމަރުންގެ އަތުން އެއް ޔޫރޯ (1.15 އެމެރިކާ ޑޮލަރު)ގެ ޖޫރިމަނާއެއް ނަގަމުންނެވެ.

ކާއެއްޗެހި ހުސްނުކުރާ ކަސްޓަމަރުންގެ އަތުން ޖޫރިމަނާ ކުރަމުން އަންނަ ޖަރުމަނުގެ ޑުއްސެލްޑޯފުގައި ހުންނަ އޮކިނީ ނަމަކަށް ކިޔާ ރެސްޓޯރެންޓުން އަންނަނީ، ކަސްޓަމަރުންގެ ޝަކުވާއެއް ނެތި ކާއެއްޗެހި ހުސްނުކުރާ ކަސްޓަމަރުންގެ އަތުން އެއް ޔޫރޯގެ ޖޫރިމަނާއެއް ނަގަމުންނެވެ. އަދި އެ ޖޫރިމަނާ ނަގަމުން އަންނަތާ މިހާރު ތިން އަހަރުވެއްޖެއެވެ.

ޖަރުމަނުގެ ބައެއް ރެސްޓޯރެންޓު ތަކުން ވެސް މިފަދަ މަސައްކަތްތަކެއް ކުރާއިރު، ސައުދީ އަރަބިއްޔާގައި ހުންނަ ރެސްޓޯރެންޓަކުން ވެސް އަންނަނީ ކާއެއްޗެހި ހުސްނުކުރާ ކަސްޓަމަރުން އަތުން ޖޫރިމަނާ އެއް ނަގަމުންނެވެ.