ވިލާތުގެ އިއްތިހާދުން އިނގިރޭސި ވިލާތް ވަކިވި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި އެގައުމަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ، ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ ކުރިޔަށް އޮތް އަހަރު ތެރޭގައި އިނގިރޭސި ވިލާތުގެ ފަތުރުވެރިކަން 3.6 ޕަސަންޓަށް ކުރިއަރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާގެ ފުރުސަތުތައް އުފެދުން މަދުވާނެ ކަމަށް އެޖަމިއްޔާއިން ލަފާ ކުރެއެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ބުނީ ޔޫކޭއަށް ފަތުރުވެރިކަމުގެ ބޮޑު މާކެޓެއް އޮތް ނަމަވެސް، ވިލާތުގެ އިއްތިހާދުން ވަކިވުމަށް އެގައުމުން ނިންމި ނިންމުމާ ގުޅިގެން ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި އެގައުމުގެ ފަތުރުވެރިކަމަށް ގޮންޖެހުންތަކާއި ޕްރެޝަރުތައް އަތުވުން ގާތް ކަމަށެވެ. އެހެން ނަމަވެސް އެކަމުން ފަތުރުވެރިކަމަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެޖަމިއްޔާއިން އެންމެ ފަހުން ނެރުނު އިކޮނޮމިކް އަޕްޑޭޓު ބުނާ ގޮތުގައި 2020 ވަނަ އަހަރާ ހަމައަށް ޔޫކޭއިން ފަތުރުވެރިކަމާ ސީދާ ގުޅުންހުރި 1.88 މިލިޔަން ވަޒީފާ އުފެދޭނެއެވެ. އެހެން ނަމަވެސް އެއީ ކުރިން ލަފާކުރި އަދަދާ އަޅާ ބަލާއިރު 75،000 ވަޒީފާ މަދު އަދަދެކެވެ.