ދެހާސް ވިހި ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަށް 500،000 ޓޫރިސްޓުން ގެނައުމަށް ގެސްޓްހައުސެސް މޯލްޑިވްސް ކޮންފަރެންސާ އެކު އަމާޒު ހިފައިފި އެވެ.

ގެސްޓްހައުސެސް މޯލްޑިވްސް ކޮންފަރެންސު ޓައިޓުލް ސްޕޮންސަރަކީ ބީއެމްއެލް އެވެ. ބީއެމްއެލް ގެސްޓްހައުސެސް މޯލްޑިވްސް ކޮންފަރެންސް ޕާޓްނަރުންނާއެކު ނޫސްވެރިނަށް މައުލޫމާތު ހިއްސާކުރުމަށް މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްސްގައި ބޭއްވި ބައްދަލުވުމެއްގައި އެ ކޮންފަރެންސް އިންތިޒާމުކުރާ މޯލްޑިވްސް ގެޓްއަވޭސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑައިރެކްޓަރު ހުސެން ސަނީ އުމަރު ވިދާޅުވީ އެ އަމާޒަށް ވާސިލްވެވިދާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ އެއީ ކާމިޔާބުނުވެގެން ހިނގައިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މި ހުރިހާ ގެސްޓްހައުސްތަކުގެ އެންމެން އެއް ތަނަކަށް އެއްވެ، ބޮޑެތި ޓްރެވަލް އެޖެންސީތަކާ އެކު މިކުރާ މަސައްކަތުގެ އެންމެ ބޮޑު ޓާގެޓަކީ 2020 އާއި ހަމައަށް ގެސްޓްހައުސްތަކަށް ޖުމްލަ ފަސްލައްކަ ޓޫރިސްޓުން ގެނައުން. މިހާތަނަށް ގެސްޓްހައުސްތަކުގެ އޮކިއުޕެންސީއަށް ބަލާއިރު އަޅުގަނޑުމެން ގަބޫލުކުރަނީ އެކަން ވެދާނެކަމަށް،" ސަނީ ވިދާޅުވި އެވެ.

ގެސްޓްހައުސް އިންޑަސްޓްރީއަށް ޓޫރިސްޓުންގެ ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި 500،000 ޓޫރިސްޓުން ގެނައުމަށް އެންމެބޮޑު އުންމީދެއް އޮތީ އެ ޑިމާންޑްގެ ސަބަބުންކަން ސަނީ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ޕާޓްނަރުންނަކީ ވެސް މުޅި ދުނިޔޭގެ އެންމެ ވަރުގަދަ ޓްރެވަލް އެޖެންސީތައް. އެ ފަރާތްތަކާ ގެސްޓްހައުސްތަކުގެ ވެރިން އެއްތާކުން ބައްދަލުވެ، ހިޔާލު ބަދަލުކޮށް ވާހަކަ ދައްކައިފި ނަމަ އަޅުގަނޑުމެންނަށް ފަސްލައްކަ ޓޫރިސްޓުން ގެނެވިދާނެ،" ސަނީ ވިދާޅުވި އެވެ.

ގެސްޓްހައުސެސް މޯލްޑިވްސް ކޮންފަރެންސް އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ އިރު، އެ ކޮންފަރެންސުގައި މިހާތަނަށް ވަނީ 150 އަށްވުރެ ގިނަ ގެސްޓްހައުސްގެ ފަރާތުން ބައިވެރިވެފަ އެވެ. އެ ކޮންފަރެންސުގައި 50 އަށްވުރެ ގިނަ ސްޕޮންސަރުން ބައިވެރިވާ އިރު، ދުނިޔޭގެ މަޝްހޫރު ޓްރެވަލް އެޖެންސީތައް ކަމަށްވާ ބުކިން ޑޮޓް ކޮމް ފަދަ އެޖެންސީތައް ވެސް އެ ކޮންފަރެންސުގައި ބައިވެރިވާނެ އެވެ.

ފަސްލައްކަ ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، 2016 ވަނަ އަހަރު ފެށުނީއްސުރެ ރިސޯޓްތަކާ އަޅާ ބަލާއިރު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓްވެސް އަންނަނީ މަތިވަމުންނެވެ.