22 Aug 2016, 20:28
ސިންގަޕޫރުގެ ހަ ވަނަ ރައީސް، އެސްއާރު ނަތަން އުމުރުން 92 އަހަރުގައި އަވަހާރަވެއްޖެ އެވެ.
ނަތަން އަވަހާރަވެފައި ވަނީ ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލުގައި ބައްޔަކަށް ފަރުވާ ހޯއްދަވަމުންދަނިކޮށް ކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވެ އެވެ.
އުމުރުން 92 އަހަރުގައި ނަތަން އަވަހާރަވެފައިވާ އިރު އޭނާ އަކީ މިހާތަނަށް ސިންގަޕޫރުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސެވެ.
ބޮޑުވަޒީރުގެ އޮފީހުން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނަތަން އަވަހާރަ ވުމަކީ ސިންގަޕޫރު ސަރުކާރުގެ ކެބިނެޓަށް އަދި ސަރުކާރުގެ އެހެން ފަރާތްތަކާއި ރައްޔިތުންނަށް ވެސް ލިބުނު ހިތާމައެއް ކަމަށާއި ނަތަންގެ އާއިލާއާ އެކު ސިންގަޕޫރުގެ ސަރުކާރު އެ ހިތާމާގައި ބައިވެރިވާ ކަމަށެވެ.
ނަތަން ވަނީ 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮސްޓު މަހުގެ ނިޔަލަށް ސިންގަޕޫރުގެ ރައީސް ކަމުގެ މަގާމު އަދާ ކުރައްވައިފަ އެވެ.
އޭގެ އިތުރުން އެމަނިކުފާނު ވަނީ އެގައުމުގެ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ. އޭގެ ތެރޭގައި ފޮރިން އެފެއާޒް މިނިސްޓްރީގައި ޕާމަނަންޓް ސެކްރެޓަރީކަން ކުރައްވާފައިވާ އިރު، ޔޫއެސްގެ އެމްބެސެޑާ ކަމާއި ސިންގަޕޫރު ސެކިއުރިޓީ އަދި އިންޓެލިޖެންސް ޑިވިޝަނުގެ ޑިރެކްޓަރުކަން ކުރައްވާފައިވެ އެވެ.
ނަތަން އަށް ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ސްޓްރޯކެއް ޖެހިގެން ސިންގަޕޫރުގެ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ. އެއީ އެމަނިކުފާނަށް ދެ އަހަރު ތެރޭގައި ޖެހުނު ދެ ވަނަ ސްޓްރޯކެވެ.
ނަތަން އަވަހާރަވީ އިރު އަންހެން ދަރިކަނބަލަކާއި ފިރިހެން ދަރިކަލެއްގެ އިތުރުން ކާފަ ކިޔާ ތިން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.