31 May 2011, 09:20
ދަހޭގް : ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ އެންމެ ފަހުގެ ދުވަސްތަކުގައި ހަނގުރާމައިގެ ޖަރީމާ ގެފެންވަރަށް ސްރީލަންކާ ސިފައިން، ތަމަޅަ ޢާންމުންގެ އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ކަމަށް ބެލެވޭ އާހެކިތަކެއް ފެންމަތިވެއްޖެ ކަމަށް އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ބުނެފިއެވެ.
އެކައުންސިލްގެ މުޙައްޤިޤެއް ކަމަށްވާ ކްރިސްޓޯފް ހެންޒް ވިދާޅުވީ ހަނގުރާމައިގެ ޖަރީމާ ގެފެންވަރަށް ސްރީލަންކާ ސިފައިން ތަމަޅަ ޢާންމުންގެ އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާކަން އެންމެފަހުން ހާމަވެފައިވަނީ އިތުބާރުކުރެވޭ ވީޑިޔޯ އަކުން ކަމުގައެވެ.
އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލްގައި ހުންނަވާ އެމެރިކާގެ މަންދޫބާ އެލިން ޝެންބަރލިންވެސްވަނީ ސްރީލަންކާ ސިފައިން ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާފައެވެ.
އެމެރިކާގެ މަންދޫބާ ވިދާޅުވީ އަހްލީ ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާ ސިފައިން ހިންގާފައިވާ ކަމަށްބެލެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން ސީރިޔަސްކޮށް ބަލަންޖެހޭނެ ކަމުގައެވެ.
ނަމަވެސް އެމަޖިލީހުގައި ހިމެނޭ އިސްލާމީ ދެޤައުމެއްގެ މަންދޫބުންވަނީ ސްރީލަންކާގެ އަހްލީ ހަނގުރާމައިގެ މައްސަލަ އެކައުންސިލުން އަލުން ބަލައި ތަޙްޤީޤްކުރަން ނުފެންނަކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ހުޅަނގުގެ ބާރުތަކުން ޢިރާޤާއި އަފްޣާނިސްތާނުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުން އެދެވޭގޮތެއްގައި ތަޙްޤީޤް ނުކުރެވޭކަންވެސް އެދެމަންދޫބުން ފާހަގަ ކުރެއްވިއެވެ.
އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލްގެ މެންބަރެއް ކަމަށްވާ ޕާކިސްތާނުންވަނީ މިފަދަ މައްސަލަތައް އަލުން ބެލުމަކީ ސްރީލަންކާގައި ސުލްޙަ ޤާއިމްކުރުމަށް އެޅޭނެ ހުރަހެއްކަމަށް ބުނެފައެވެ. އަދި ސްރީލަންކާ ސަރުކާރުން ތަމަޅަ ޢާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ތުހުމަތުކޮށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ތައްޔާރުކުރައްވާފައިވާ ރިޕޯޓަކީ ދޮގު މަޢްލޫމާތުތަކެއްގެ މައްޗަށް ބިނާވެފައިވާ ރިޕޯޓެއް ކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.
އަލަށް ފެނުނު ވީޑިޔޯއާ ގުޅިގެން ސްރީލަންކާގެ ހަނގުރާމައިގެ ޖަރީމާގެ މައްސަލަ އަލުން ބަލައި ތަޙްޤީޤް ކުރެވޭނީ އދ. ގެ ޖެނެރަލް އެސެމްބްލީ އާއި ސްރީލަންކާ ސަރުކާރާ އަދި އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލުގެ ރުހުން ލިބިގެން ކަމަށް ޤާނޫނީ ފަރާތްތަކުން ބުނެއެވެ.
މިކަމަށް ރައްދު ދެއްވަމުން ސްރީލަންކާގެ މަސްއޫލުވެރިއެއް ކަމަށްވާ ލަކްޝްމަން ހޮލޮގާލާ ވިދާޅުވީ އަލަށް ފެންމަތިވި ވީޑިޔޯއަކީ ހަޤީޤީ ވީޑިޔޯއެއް ނޫންކަމުގައެވެ. މިވީޑިޔޯ އަކީ ހަޤީޤީ ވީޑިޔޯއެއް ކަން ސާބިތުކޮށްދިނުމަށް ސްރީލަންކާގެ މަސްއޫލުވެރިޔާ، އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލަށް ގޮވާލެއްވިއެވެ. (އަލްޖަޒީރާ)