23 Aug 2016, 08:48
އިންޑިއާގެ އެތެރޭގެ އުދުހުންތަކަށް ހާއްސަ ވިސްތާރާ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ދީޕިކާ ޕަދުކޯން ހަމަޖައްސައިފިއެވެ.
ވިސްތާރާ އިން މިހާރު އަންނަނީ އެ ކުންފުނީގެ އާ މަލްޓިމީޑިއާ ބްރޭންޑް ކެމްޕޭނު އިފްތިތާހު ކުރުމަށް ތައްޔާރު ވަމުންނެވެ. އަންނަ ހޯމަ ދުވަހު ކެމްޕޭނު ލޯންޗު ކުރާ އިރު، ކެމްޕޭނު މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ދީޕިކާ އަށް ވިސްތާރާ އިން ދަތުރު ކުރާ އިރު ކުރެވޭ އިހުސާސްތައް އެހެން ފަރާތްތަކާ ހިއްސާ ކުރުމެވެ.
"އަހަރެން ވަރަށް އުފާކުރަން ވިސްތާރާ ކަހަލަ އިތުބާރު ކުރެވޭ އަދި ގާތް އެކުވެރި ބްރޭންޑެއްގެ އެމްބެސެޑަރަކަށް ވެވުމުން،" ދީޕިކާ ދިން ބަޔާނެއްގައި ބުނެފައިވެއެވެ.
ދީޕިކާ އަކީ އެއާލައިން އެއްގެ އެމްބެސެޑަރަކަށް ހަމަޖެހިގެން ދިޔަ ބޮލީވުޑުގެ ފުރަތަމަ އަންހެން ފަންނާނެވެ. ވިސްތާރާގެ އިޝްތިހާރެއްގައި މިހާރުވެސް ދީޕިކާ ފެނިގެންދާނެއެވެ.
ދީޕިކާ އާއެކު ވިސްތާރާގެ ކެމްޕޭނު ފެށުމަށް ހަމަޖެހިފައި ވާއިރު، އެއާޕޯޓުތަކާއި ސިނަމާތަކުގެ އިތުރުން، ޓީވީ އާއި ނޫސް މެދުވެރިކޮށް އެ ކެމްޕޭނު ކުރިއަށް ގެންދާނެ ކަމަށް ވިސްތާރާ އިން މައުލޫމާތު ދެއެވެ.