23 Aug 2016, 08:51
ދިނޭޝް ވިޖާންގެ ފިލްމު "ރާބްތާ"ގެ ޝޫޓިންގ ގެ ތެރެއިން ފިލްމުގެ ލީޑު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު އަށް އަނިޔާވެއްޖެ އެވެ.
ފިލްމުގެ ޝޫޓިން މިހާރު ނިންމާލާފައި ވާއިރު ސުޝާންތަށް އަނިޔާވީ މީގެ ފަސް ދުވަސް ކުރިން، ފިލްމުގެ މަންޒަރެއް ނެގުމަށް ޖެއްސި ސްޓަންޓެއްގެ ތެރެއިން ކަމަށް ހަބަރުތައް ބުނެ އެވެ.
ސްޓަންޓު ޖެއްސި ވަގުތު ކަހާލައިގެން ވެއްޓި އޭނާގެ ފައިގެ ލިގަމެންޓަކަށް ގެއްލުންވެފައިވާ ކަމަށް ސުޝާންތާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.
"ވަރަށް ޕްރެކްޓިސް ކުރިން އެ ސީން އަށް. އެ ސްޓަންޓު ވެސް ހަމަ ރަނގަޅަށް ދަސްކޮށްފައި ފަހު ދުވަހު ޝޫޓު ކުރި އިރު ކައްސާލީ، ކައްސާލީ އޭރު ބިންމަތީގައި ފެން ހުރުމުން،" ސުޝާންތު ބުނެފައިވެ އެވެ.
ސުޝާންތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ކުރިއަށް އޮތް އެއް މަސް ދުވަހަށް ދުވުމާއި ގަދަޔަށް ކަސްރަތު ކުރުން ފަދަ ހުރިހާ ކަމެއް ވަނީ މަނާކޮށްފަ އެވެ.
ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގައި ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭނެއެވެ.
ސުޝާންތު އާއެކު ދެން އެ ފިލްމުން ފެނިގެންދަނީ ކްރިތީ ސަނޯން އެވެ."ރާބްތާ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.