މަޝްހޫރު މިއުޒިކް ބޭންޑު "ޒީރޯ ޑިގްރީ އެޓޯލް"އިން މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދަށް ދިވެހި ފަންނާނުންގެ ފަރާތުން ދޭ ޓްރިބިއުޓް ޝޯގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ އިން ސޮއިކޮށްފި އެވެ.

އެސްޓީއޯ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޝޯގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި މިއުޒިކް އިން ސޯޝަލް ކޮމިއުނިޓީ (މިސްކް) އާ އެކު އެސްޓީއޯއިން ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު ނިހާދެވެ. އަދި މިސްކްގެ ފަރާތުން ސޮއިކުރެއްވީ މިސްކުގެ ފައުންޑާ އެންޑް އެޑިޓަރު ރިއާޔަތު އަބްދުލް މަޖީދެވެ.

އެސްޓީއޯއަކީ ނާޝިދަށް ހަދިޔާކުރާ ޓްރިބިއުޓް ޝޯގެ ފަސް އެސޯސިއޭޓް ޕާޓްނަރުންގެ ތެރެއިން ޕާޓްނަރެކެވެ.
މިސްކުން ބުނީ އެ ޝޯގައި ގިނަ ދިވެހި ފަންނާނުން ބައިވެރިވާނެ ކަމަށެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ގެ ނަމުގައި ބާއްވާ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގަ އެވެ.