22 Aug 2016, 16:18
މާލޭގެ 10 ބުރީގެ އިމާރާތެއްގެ މަތިން ވެއްޓި ދުވަސްވީ ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ސަން އަށް ވިދާޅުވީ މިއަދު މެންދުރު މ. ރަންބުސްތާނުގޭ 10 ބުރިން ވެއްޓި މަރުވެފައިވަނީ 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ 14:55 ގައި. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި،" އޮފިޝަލް ވިދާޅުވިއެވެ.
އައިޖީއެމްއެޗް މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ އެމީހާގެ ބޯ ފަޅައިގެންގޮސްފައި އޮތުމުގެ އިތުރުން ހަށިގަނޑުގެ ގިނަ ތަންތަން ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
ދުވަސްވީ މީހާ ވެއްޓެން ދިމާވި ސަބަބެއް އަދި ސާފެއްނުވެއެވެ.
އޭނާއަކީ އެގޭގައި ދިރިއުޅޭ މީހެއްތޯ ނުވަތަ ނޫންތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.