22 Aug 2016, 16:22
އަލް ޖަޒީރާ އިން ދިވެހި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން ތައްޔާރު ކުރާ ރިޕޯޓަށް ސަރުކާރުގެ ބަހެއް ހޯދުމަށް އެދެފި އެވެ.
ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެން ޝިހާބު މިއަދު ސަން އަށް ވިދާޅުވީ އެ ރިޕޯޓަށް ސަރުކާރުގެ ބަހެއް ހޯދުމަށް އިއްޔެ މެއިލްއަކުން އެޓީވީ އިން އެދިފައިވާ ކަމަށެވެ. އެ ސުވާލުތަކަށް ސަރުކާރުގެ ފަރާތުން ޖަވާބް ދޭނެ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުވާލުތަކުގެ ތެރޭގައި ހުރީ ކުރިން ވެސް ތުހުމަތު ކުރެވޭ ކަންކަން ކަމަށާއި ނަމަވެސް މިހާތަނަށް ސުވާލުތައް ހާމަ ކުރެވެން ނެތް ކަމަށެވެ.
އިއްޔެ އާ ހަމައަށް ރައީސް އޮފީހުން ބުނީ އެފަދަ ޑޮކިއުމެންޓްރީއެއް ހަދާކަން ރަސްމީކޮށް ނޭނގޭ ކަމަށެވެ. ނަމަވެސް އަލްޖަޒީރާގެ ނޫސްވެރިން ރާއްޖެ އައިސް އުޅުނުކަން އެނގޭ ކަމަށާއި ބައެއް ކަންކަމުގައި އެ މީހުންނަށް އެހީތެރިވެދީފައިވާނެ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެޑޮކިއުމެންޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ އެތައް މައުލޫމާތެއް ހާމަކުރެ އެވެ. އަދީބުގެ ބަހެއް ހޯދުމަށް އަލް ޖަޒީރާގެ ނޫސްވެރިން ވަނީ މަސައްކަތްކޮށްފަ އެވެ.
"ސްޓީލިން ޕެރެޑައިސް" ނަމުގައި މި މަހު ފަހުކޮޅު އަލްޖަޒީރާ އިން ނެރެން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ލިޔުންތަކުގައި ބުނާ ގޮތުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު އެރިޕޯޓުގައި ހިމެނޭނެ އެވެ.