ރައްޔިތުންގެ މަޖިލީހުގެ ސ. މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް މިދިޔަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގަތީ އޭނާއާ އާއިލާގެ ގުޅުން އޮތް ފަރާތަކަށް އެ ރަށުން ކުއްޔަށް ދޫކޮށްފައި އޮންނަ ސްލިޕްވޭ އޮންނަ ބިމުގެ އެގްރިމެންޓު އާކުރުމަށް ޝަރުތުކޮށްފައި ކަމަށް ބުނާ އަޑުތައް ވަރަށް ބޮޑަށް ފެތުރިފައިވަނިކޮށް، ބިޑަށް ނުލައި އެތަން 25 އަހަރު ދުވަހަށް އެފަރާތަށް ކުއްޔަށްދިނުމަށް އެއްބަސްވެ، ސޮއިކޮށްފައިވާ އެގްރިމެންޓުގެ ކޮޕީ ލީކުވެއްޖެ އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ސޮއިކޮށްފައިވާ އެ އެގްރިމެންޓުގައިވާ ގޮތުގައި، މަރަދޫގެ އިރުއުތުރު ކޮޅުން ބޯޓުތައް އެހެލުމަށް އަޅާފައިވާ ސްލިޕްވޭ ނުވަތަ ރޭމްޕް އޮންނަ 17275.74 އަކަފޫޓުގެ ބިން މެއި 1، 2036 ގެ ނިޔަލަށް ކުއްޔަށް ދީފައި ވަނީ ސ. މަރަދޫ އާގަލާ، އިބްރާހިމް ހަބީބް އަށެވެ. އޭނާއަކީ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ މަންމަ އާއި އެއްބަނޑު އެއްބަފާ މީހެކެވެ. އަދި އޭނާ އަކީ އާދިލްގެ ކެމްޕޭނަށް އެންމެ ގިނައިން ހަރަދުކުރި އެއް ފަރާތް ކަމަށްވެ އެވެ.

އެ އެގްރިމެންޓުގައިވާ ގޮތުގައި، 17275.74 އަކަފޫޓު ބިމުގެ ކުލީގެ ގޮތުގައި މިހާރު ނަގަނީ ކޮންމެ އަކަ ފޫޓަކަށް 30 ލާރީގެ މަގުން ޖުމްލަ 5182ރ. އެވެ. ކުރިން ނަގަމުންދިޔައީ އަކަ ފޫޓަކަށް 15 ލާރީގެ މަގުން 2591.36ރ. އެވެ.

އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު މިއަދު ވަނީ، 25 އަހަރު ދުވަހަށް ސްލިޕް ވޭ އޮންނަ ބިން ހަބީބަށް ކުއްޔަށް ދިނުމުގެ އެގްރިމެންޓުގައި މީގެ މަހެއްހާ ދުވަސްކުރިން ސޮއިކޮށްފައިވާކަން ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ކުރީގެ އެޓޯލް މިނިސްޓްރީން ހަބީބާއެކު 2004 ވަނަ އަހަރު ހަދާފައިވާ އެ ބިމުގެ އެގްރިމެންޓް ބާތިލުކޮށް، މުއްދަތު ދިގުދެމިގެންދާ ގޮތަށް އާ އެގްރިމެންޓެއްގައި ސޮއިކުރީ އެތަން އަލުން ބިޑަށް ނުލާ ކަމަށް ވެސް ސޯބެ އެއްބަސްވެވަޑައިގެންނެވި އެވެ.

އެގޮތަށް ކަންތައް ކުރެއްވީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ސޯބެ ވިދާޅުވީ، ހަބީބާ އެކު ކުރިން ހަދާފައިވާ އެގްރިމެންޓުގެ ދަށުން އަދިވެސް ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަނުވާތީ ކަމަށާއި އަދި އެތަނުގެ ހިދުމަތް ފުޅާކުރުމަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެންސްޓް ކުރަން އޭނާ ހުށަހަޅައިފައި އޮތުމުން ކަމަށެވެ.

ނަމަވެސް، އެއީ އެތަން ކުއްޔަށް ދިނުމުގައި ބިޑަށް ލާން ނުޖެހޭ ވަރުގެ ސަބަބުތަކެއް ކަމަށް މަރަދޫގެ ބައެއް ރައްޔިތުން ނުދެކެ އެވެ.

އެގޮތުން އެގްރިމެންޓުގެ ދަށުން ހަމައެކަނި ސަރުކާރަށް ދައްކަން ޖެހެނީ ބިމު ކުލި ނަމަވެސް، އެ ބިމުގައި އޮންނަ ސްލިޕް ވޭ އޮޕަރޭޓްކޮށްގެން ހަބީބުގެ ކުންފުނިން އެތައް މިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ކަމަށް އެ ރަށު ބައެއް ރައްޔިތުން ބުނެ އެވެ. އެހެންކަމުން، އެފަދަ ފައިދާވާ ހިދުމަތެއް ދޭން އަމިއްލަ ފަރާތްތަކަށް ދޫކޮށްލާއިރު ބިޑަށް ނުލައި "ސަރުކާރުން އެދޭ ފަރާތަކަށް" ދޫކޮށްލުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގައިފައިވާ އަމަލެއް ކަމަށް ވެސް އެމީހުން ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް، ސޯބެ އެކަން ދޮގުކުރައްވަ އެވެ. އަދި ދިފާއުގައި ވިދާޅުވެފައި ވަނީ އެ ސްލިޕް ވޭ އިން ދެމުންގެންދާ އެއްވެސް ހިދުމަތެއްގެ ފީ ކުއްޔަށް ނަގާފައިވާ ފަރާތަށް ބޮޑުކުރެވޭނީ ސިޓީ ކައުންސިލްގެ ހުއްދައާ އެކު ކަމަށާއި އަދި ކޮންމެ ފަސް އަހަރަކުން ބިމު ކުލި ކައުންސިލަށް ފެންނަ ގޮތަކަށް ބަދަލުކުރެވޭނެ ކަމަށެވެ.

އަދި ސްލިޕްވޭ އަށް ފީއެއް ނުވަތަ ކުއްޔެއް ނުނަގަނީ ކީއްވެގެންތޯ ދެންނެވުމުން ސޯބެ ވިދާޅުވީ، އެ ރޭމްޕަކީ ބާވެ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވަނިކޮށް ހަބީބް އަމިއްލައަށް ހަރަދުކޮށްގެން އާކުރި ތަނެއް ކަމަށާއި އޭނާއެކު ކުރިން ސަރުކާރުން ހަދައިފައި އޮތް އެގްރިމެންޓުގެ ދަށުން ވެސް ސްލިޕް ވޭގެ ހިދުމަތް ދެމުންގެންދިޔައީ އޭނާގެ ކުންފުނިން ކަމަށްވާތީ އިތުރު ބަދަލެއް އާ އެގްރިމެންޓުގައި ނުގެނެއީ ކަމަށެވެ.

އަދި އެކަމާ ދެކޮޅު ހަދާ ފަރާތްތަކުން މައްސަލަ ޖެއްސުމުން އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އެކަން ތަހުގީގުކުރުމަށް ފަހު، މިދިޔަ ފެބްރުއަރީ މަހު ވަނީ އެ އެގްރިމެންޓް ކުރިއަށް ގެންދިޔުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އަންގާފައިވާ ކަމަށް ސިޓީގެ މޭޔާ ވިދާޅުވި އެވެ.

އޭސީސީން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް އެކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، އޭސީސީން އަންގާފައި ވަނީ ނޭޝަނަލް ޕްލޭނިން ކައުންސިލާއި ސިޓީ ކައުންސިލާ މަޝްވަރާކުރުމަށް ފަހު ފެންނަ ގޮތަކަށް އެކަން ކުރިއަށްގެންދިއުމަށް ކަމަށާއި އެކަމާ ގުޅޭ ގޮތުން ފިނޭންސާއި ރައީސް އޮފީހުގައި މަޝްވަރާތައް ކޮށްފައިވާތީ، ސްލިޕްވޭ ކުއްޔަށް ދިނުމުގައި މައްސަލައެއް އުޅޭނެ ކަމަށް ކޮމިޝަނަށް ނުފެނުނީ ކަމަށެވެ.

މިދިޔަ އަހަރުގެ ސެމްޕެޓެމްބަރު 23 ވަނަ ދުވަހު އާދިލް އެމްޑީޕީއާ ގުޅިވަޑައިގަތުމުން ބައެއް ފަރާތްތަކުން ބުނަމުންދިޔައީ، އެ ޕާޓީ އަށް އޭނާ ސޮއިކުރެއްވީ އޭނާގެ ބޭބެ ހަބީބަށް މަރަދޫން ކުއްޔަށް ދީފައިވާ ސްލިޕްވޭ މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ހުށަހެޅުމުން ކަމަށާއި ސޮއިނުކުރައްވައިފިއްޔާ އެތަން އަތުލާނެ ކަމުގެ އިންޒާރު ސަރުކާރުން ދިނުމުން ކަމަށެވެ.