22 Aug 2016, 16:40
ކުރިން ތިން ދުވަހުގެ ތެރޭގައި ޗެކް ކުލިއާ ކޮށްދޭއިރު އަންނަ މަހުން ފެށިގެން އެއް ދުވަސް ތެރޭ އެ ހިދުމަތް ދެވިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެއެވެ.
އެއް ބޭންކަށް އަނެއް ބޭންކުން ހުށަހަޅާ ޗެކްތައް މިހާރު ކުލިއާ ކުރަމުންދަނީ އެމްއެމްއޭއަށް ގެންގޮސް މެނުއަލްކޮށް ދިގު ޕުރޮސެސްއަކަށްފަހު އެވެ. އެ މަސައްކަތުގައި ޗެކުގައިވާ ފައިސާ ޖަމާވުމަށް ތިން ދުވަސް ނަގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު "ސަން"އަށް މިއަދު ވިދާޅުވީ އަންނަ މަހުން ފެށިގެން ޗެކް ކުލިއާ ކުރުން އޮޓޮމެޓިކް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އޭރުން މިކޮޅަށް [އެމްއެމްއޭ] އަށް އަންނާކަށް ނުޖެހޭނެ، ސްކޭން މެޝިން ހުރީމަ ސްކޭން ކޮށްގެން ބޭންކްތަކަށް އެޗެކްތައް އެކްސްޗޭންޖް ކުރެވޭނެ،" މަންސޫރު ވިދާޅުވި އެވެ.
ޗެކްތައް ސްކޭންކޮށްގެން ބޭނުން ކުރަން ނިންމާފައި ވާތީ ކަސްޓަމަރުން ހުށަހަޅާ ޗެކްތަކަކީ ސްކޭން ކުރެވޭ ގޮތަށް ސާފުކޮށް ހުށަހަޅާ ޗެކްތަކަކަށް ވާންޖެހޭނެ ކަމަށް މަންސޫރު ވިދާޅުވި އެވެ.