ގަވާއިދާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ބިމެއް ދޫކުރި ކަމަށް ބުނެ ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 4000 އަކަފޫޓުގެ ބިމެއް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިނަދޫ ކައުންސިލުން ދޫކޮށްފައި ވަނީ ބިމާ ބެހޭ ގާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިންގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގެ ގަވާއިދާއި އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ގެނައި އިސްލާހާ ޚިލާފަށް ކަމަށެވެ.

އެ ސިޔާސީ ޕާޓީ އަށް ބިން ދޫކުރި ކަމުގެ ލިޔުމުގައި ސޮއިކޮށްފައި ވަނީ ތިނަދޫ ކައުންސިލްގެ ރައީސް ކަމަށާއި އެއީ އޭނާ ނިސްބަތްވާ ޕާޓީއަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކޮށްފައިވާ އަމަލެއްކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީރަކީ އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރެކެވެ. މިކަމާ ގުޅޭ ގޮތުން އަހުމަދު ނަސީރު މިއަދު ސަން އަށް ވިދާޅުވީ އޭސީސީން އެ މައްސަލަ ނިންމާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލަރުންގެ ގަވާއިދުގައި ބުނާ ގޮތުން ކައުންސިލުން ނިންމާ ނިންމުންތަކުގައި ސޮއިކުރުމަކީ ކައުންސިލްގެ ރައީސްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ގާނޫނީ ޒިންމާ އަދާކުރުމުން އެ މައްސަލަ ބެލޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ފުރަތަމަ އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ނިންމާފައި އޮތީ ގަވާއިދާ ޚިލާފަށޭ. ކައުންސިލަރުންގެ ގަވާއިދުގައި ބުނާ ގޮތުން ކައުންސިލްގެ ރައީސް އަކީ ކައުންސިލުން ނިންމާ ނިންމުންތަކުގައި ސޮއިކުރާ ފަރާތް. ގާނޫނީ ގޮތުން ކައުންސިލްގެ ރައީސަށް މަތިކޮށްފައި އޮންނަ ޒިންމާއެއް. އެހެންވީމަ އެ ޒިންމާ އަދާކުރިއޭ ކިޔާފައި ޒިންމާ އަދާކުރި ފަރާތުގެ މައްސަލައެއް ނުޖެއްސޭނެއެއް ނޫންތޯ،" އަހުމަދު ނަސީރު ވިދާޅުވި އެވެ.

ގަވާއިދާ ޚިލާފު ކަމެއް އޮތްކަމަށްވާ ނަމަ ދައުވާ ކުރަންޖެހޭނީ ހުރިހާ ކައުންސިލަރުންގެ މައްޗަށް ކަމަށް ވެސް ތިނަދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.