މައްކާ (އޮގަސްޓް 22): ހައްޖު ހުއްދަ ނެތި ހައްޖު ކުރަން މައްކާއަށް ވަންނަން މަސައްކަތް ކުރި 70،000 މީހަކު އަނބުރާ ފޮނުވާލާފައިވާ ކަމަށް މައްކާގެ ރޯޑް ސެކިއުރިޓީ ފޯސެސް ކޮމާންޑުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު އެކޮމާންޑުން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން ހައްޖުވެރިން މައްކާއަށް ގެންދަން ޖެހޭ ގަވާއިދުތަކާ ހިލާފަށް، ބައެއް ހައްޖުވެރިން މައްކާއަށް ގެންދަން މަސައްކަތް ކުރުމުގެ ސަބަބުން އެކޮމާންޑުން ވަނީ 28،000 އުޅަނދު އަނބުރާ ފޮނުވައިފަ އެވެ.

ބައެއް އުޅަނދުތަކުގައި 25 މީހުންނަށް ވުރެ މަދު ފަސިންޖަރުން ތިބުމުގެ ސަބަބުން ފޮނުވާލާފައިވާ އިރު އެހެން އުޅަނދުތައް ފޮނުވާލާފައި ވަނީ ހައްޖުވެރިން އުފުލަން ދީފައިވާ ހާއްސަ ހުއްދަ ނެތުމުން ކަމަށް މައްކާއަށް ހައްޖުވެރިން ދިޔުމުގެ އިންތިޒާމުތައް ބަލަހައްޓާ ހައްޖު ސެކިއުރިޓީ ފޯސެސް ކޮމާންޑުން ބުންޏެވެ.

އަދި އެކޮމާންޑުން ވަނީ ގަވާއިދާ ހިލާފުވާ އުޅަނދުތަކާއި އޭގެ ޑްރައިވަރުންނަށް އަދަބު ދޭނެ ކަމަށްވެސް ބުނެފަ އެވެ. (ސައުދީ ގެޒެޓް)