22 Aug 2016, 15:32
ގުރުދަސްޕޫރު (އޮގަސްޓް 22): ވަޅި ކާ ހިތްވާ އިންޑިއާ މީހަކު ދެމަސް ތެރޭގައި ދިރުވާލާފައިވާ 40 ވަޅި، އޮޕަރޭޝަން ކޮށްގެން އޭނާގެ ބަނޑުން ނަގައިފި އެވެ.
އިންޑިއާގެ އުތުރުގައި އޮންނަ ޕަންޖާބުގެ ގުރުދަސްޕޫރުގެ ހޮސްޕިޓަލަކުން 42 އަހަރުގެ އެފިރިހެން މީހާއަށް އެމާޖެންސީ އެހީ ދީފައި ވަނީ ބަނޑަށް ތަދުވެ، ވަރުބަލިވާ ކަމަށް ބުނެ ޑޮކްޓަރަށް ދެއްކުމުންނެވެ.

އޮޕަރޭޝަންކޮށްގެން ނަގާފައިވާ ވަޅި -- ފޮޓޯ: ބާކްރޮފްޓް
"އޭނާގެ ބަނޑަށް ތަދުވާން މެދުވެރިވި ސަބަބު ބަލަން މަސައްކަތް ކުރުމުން އަޅުގަނޑުމެން ފުރަތަމަ ހައިރާންވި. އަލްޓްރާސައުންޑެއް ހެދުމުން އަޅުގަނޑުމެންނަށް ފެނުނީ ކެންސަރު ފަދަ އެއްޗެއް ބަނޑުތެރެއިން. ވަޅި ކާ ހިތްވާ ކަން އޭނާ ބުނީ އޭގެ ފަހުން. އަޅުގަނޑު މިވަޒީފާ އަދާ ކުރާތާ 20 އަހަރުވީ އިރު، މިފަދަ ކަމެއް މިފެނުނީ އަލަށް،" ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު، ޑރ. ޖިތިންދަރު މަލޯތުރާ ވިދާޅުވި އެވެ.
ފަސް ގަޑި އިރުގެ ސާޖަރީއަށް ފަހު އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ދޫކޮށްލާނެ ކަމަށް ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުންޏެވެ. ނަމަވެސް ދޫކޮށްލުމުގެ ކުރިން އޭނާ އަށް ނަފްސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ. (ޓެލެގްރާފް)