22 Aug 2016, 15:11
ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުނައްވަރު "ސަން"އަށް މިއަދު ވިދާޅުވީ އީސީސީގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލަށް 20.9 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ 322.3 މިލިއަން ރުފިޔާ އެވެ.
ފައިސާ ހަމަޖެހިފައި ވަނީ ސައުދީ ފަންޑުންނާއި އޯޕެކް ފަންޑުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ސައުދީ ފަންޑުން 12.5 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޯޕެކް ފަންޑުން 8.4 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މިހާރު ޓެންޑާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އޮތް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އީސީސީ އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އީސީސީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެމުންދާ ކަމަށެވެ.
"ސަރުކާރުން ނިންމާފައި ވަނީ އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫއު، އާދެ އެއީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ދަށުން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި ކޮންވެންޝަން ސެންޓަރަށް ބަދަލުތަކެއް ގެނެސް އެ އިމާރާތުގައި ހޮސްޕިޓަލް ގާއިމް ކުރުމަށާއި އަދި އޭގެ އިތުރަށް ބޭނުންވާ ޖާގަ ކޮންވެންޝަން ސެންޓަރާއި އިންވެގެން އިމާރާތެއް ބިނާކޮށްގެން އެކަންތައް ކުރިއަށް ގެންދިއުމަށް،" މުއިއްޒު ވިދާޅުވި އެވެ.