ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނު އިބްރާހީމް ޝާހުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޝާހުގެ ތިން މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ބާވަތުން، ކޮށްފައިވަނީ ކޮން ދައުވާތަކެއް ކަން އަދި ހާމަކުރެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު އިތުރަށް ގޯސްވެގެން ޒިޔާދާ މަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވެފައި ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާ އަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ.

"ޑޮކްޓަރުންގެ ފަރާތުން ލިބުނު މައުލޫމާތުން އެނގިފައި ވަނީ ޒިޔާދާ ނައިމާ މެދުގައި ޒިޔާދާ ނައީމުގެ ފިރިމީހާ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހު ގަދަކަމުން ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ޒިޔާދާ ނައީމް ޑޮކްޓަރުންގާތު ބުނެފައިވާކަމަށް،" ޝަތީހު ވިދާޅުވި އެވެ.

"ތަހުގީގަށް ލިބުނު މައުލޫމާތަށް ބަލާ އިރު ޒިޔާދާ ނައިމާ މެދު އިބްރާހީމް ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމާއި އަދި މިއަމަލު ހިންގާފައި ވަނީ ވަކިން އުޅެނިކޮށް،"

ޝަތީހު ވިދާޅުވީ އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްހީ ހާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިއްހީ ހާލަތު ގޯސްވެގެން ޒިޔާދާ އޭނާގެ ބައްޕަގެ އާއިލާގެ އެހީތެރިކަމާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މާލެ އައިކަމަށާއި އެންމެ ފުރަތަމަ ޒިޔާދާ ދެއްކީ ޑރ. ޔަގާނެގީ ކްލިނިކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ ޒިޔާދާ ދެއްކި ވާހަކަތަކަށާއި އޭނާގެ ސިއްހީ ހާލަތު ހުރިގޮތަށް ބެލުމަށް ފަހު ޑޮކްޓަރު ޔަގާނެގީ އައިޖީއެމްއެޗަށް އޭނާ ގެންދިޔަ ކަމަށެވެ. އަދި އައިޖީއެމްއެޗުން ޒިޔާދާ ބެލުމަށް ފަހު ފުލުހުންގެ ފެމެލީ އެންޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެ މައްސަލަ ހުށަހެޅި ކަމަށާއި އެވަގުތުން ފެށިގެން ފުލުހުންގެ ޓީމެއް އައިޖީއެމްއެޗަށް ގޮސް ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ މިހާތަނަށް ލިބިފައި ވަނީ ޒިޔާދާގެ ޕޯސްޓު މޯޓަމް ވަގުތީ ރިޕޯޓު ކަމަށެވެ. އެ ރިޕޯޓުގައިވާ ގޮތުން ޒިޔާދާގެ އުޅަނބޮށީގެ 10 ސެންޓު މީޓަރު މަތިން ކަނައަތުގެ ކުރިމަތީގައި ދެ ސެންޓިމީޓަރު މަތިން ލޭ ގަނޑުވެފައި ހުރި ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އޭގެ އިތުރުން ވައަތުގެ ކުޑަހުޅުން ތިން ސެންޓުމީޓަރަށް ލޭ ގަނޑުވެފައި ހުރި އިރު ބޮލުގެ ހަންގަނޑުގައި ލޭ ގަނޑުވެފައި ހުރި ތަނެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.