މިދިޔަ އަހަރުގެ ކޭބްރިޖް އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިފައިވާއިރު އޭގެ ތެރެއިން ހަތް ދަރިވަރަކު މުޅި ދުނިޔެއިން އެއް ވަނަ ހޯދައިފި އެވެ.

ގަދަ ދިހައެއް ހޮވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި، 2010 ވަނަ އަހަރުގެ ޓޮޕް ޓެންގައި ހިމެނުނު 334 ދަރިވަރުންނަށާއި ދުނިޔޭގެ ފެންވަރުގައި މޮޅު ނަތީޖާ ނުވަތަ ކެމްރިޖް އައުޓްސްޓޭންޑިން އެވޯޑް ހާސިލްކުރި 35 ދަރިވަރުންގެ އިތުރުން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ސްކޫލަތަކަށް ވެސް އެވޯޑް ދީފައިވެ އެވެ.

ދުނިޔޭގެ ގަދަ ދިހައަކުން ރާއްޖޭގެ 35 ދަރިވަރަކު ޖާގަ ހޯދައިފައިވަނީ ޖުމްލަ 41 ޕޭޕަރުން ސައްތައިން ސައްތަ ހޯދައިގެންނެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ހިސާބު މާއްދާއިން މުޅި ދުނިޔެއިން އެއް ވަނަ ހޯދައިފައިވެ އެވެ. އެއީ އަށް މާއްދާއިން އޭ ފާސް ހޯދައިގެން ގަދަ ދިހައެއްގެ އެއް ވަނައިގައި ހިމެނުނު މަޖީދިއްޔާ ސްކޫލުގެ ދަރިވަރު މއ. މާންދޫގޭ ދެކުނުގޭ، ދާނިޝް މުހައްމަދު އަމީން އާއި ރާއްޖޭގެ ޓޮޕް ޓެންގެ 10 ވަނަ ވަނާގައި ލައްވާލި ހަމަ އެ ސްކޫލުގެ ދަރިވަރު، ހ. ނާޝާ، އިބްރާހިމް އީގަންގެ އިތުރުން އަމީނިއްޔާއިން ކިޔެވި ގ. އަލިރެސް އައިޝަތު ޝައުފާ ޝަރީފެވެ. ރާއްޖޭގެ ޓޮޕްޓެންގެ ދެވަނަ ހާސިލްކުރި ޝައުފާ ވަނީ ކެމިސްޓްރީ މާއްދާއިން ދުނިޔެއިން ދެވަނަ އަދި އިންގްލިޝް އޭސް އަ ސެކަންޑް ލެންގުއޭޖް އިން ހަތް ވަނަ ހޯދައިފަ އެވެ.

އަދި ޓޮޕް ޓެންގެ އެއް ވަނާގައި ހިމެނުނު ހދ. ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލުގައި ކިޔެވި ހުމެއިދު އަލީ ވަނީ ފިޒިކްސް މާއްދާއިން ސައްތައިން ސައްތަ ހޯދައި، ކެބްރިޖް އައުޓްސްޓޭންޑިން އެޗީވާސް އެވޯޑް ކަށަވަރުކޮށްފަ އެވެ. އޭނާ ނިސްބަތްވަނީ ސުހާނީގެ، ހދ. ކުނބުރުދޫ އަށަވެ.

ދަރުމަވަންތަ ސްކޫލްގައި ކިޔެވި ވިލިނގިލި ފެންގަސް ވިލާ، އަލީ މައިސޫން އެ އެވޯޑް ހާސިލްކުރީ އިކޮނިމިކްސް މާއްދާއިން ދުނިޔޭގެ އެއް ވަނަ ހޯދައިގެންނެވެ. އޭނާ ހިމެނުނީ ރާއްޖޭގެ ޓޮޕްޓެންގެ ދެވަނާގައި އެވެ.

މީގެ އިތުރުން ދަރުމަވަންތަ ސްކޫލްގެ ދަރިވަރު ގ. ހެޕީ ސައިޑް، މުހައްމަދު މަހުފޫޒް ވަނީ އަހުމަދު ވަނީ އާޓް މާއްދާއިން ސައްތައިން ސައްތަ މާކްސް ކަށަވަރުކޮށް، ކެމްބްރިޖް އައުޓްސްޓޭންޑިން އެވޯޑް ހޯދައިފަ އެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ އިމްތިހާނުން ދުނިޔޭގެ ވަނަތަކަށް ހޮވުނީ 26 ކުދިންނެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނު ހެދި ރާއްޖޭގެ 180 ސްކޫލުގެ 6920 ދަރިވަރުންގެ ތެރެއިން 344 ދަރިވަރުން ރާއްޖޭގެ ގަދަ ދިހައަކަށް އެރިއިރު އަށް މާއްދާއިން އޭ ފާސް ހޯދައިގެން ޓޮޕް ޓެންގެ އެއް ވަނަ ކަށަވަރުކުރީ 28 ދަރިވަރުންނެވެ. އެއީ އަންހެން ފިރިހެން ހަމަހަމަކޮށެވެ. އަދި އޭގެ ތެރެއިން 46.2 ކުދިން ނިސްބަތްވަނީ އަތޮޅުތަކަށް ކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ސްކޫލަކަށް ވެސް ހޮވުނީ މަދަރުސަތުލް އަހުމަދިއްޔާ އެވެ. މިއީ އެ ސްކޫލް ޖެހިޖެހިގެން އެ މަގާމު ހޯދި ހަ ވަނަ އަހަރެވެ. ދެވަނަ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު ތިން ވަނާގައި އޮތީ އައްޑޫ ސިޓީގެ މުހިއްބުއްދީން ސްކޫލެވެ. ނަމަވެސް އެ ސްކޫލުތަކުގެ ފާސްވި ޕަސެންޓޭޖުގެ ތަފްސީލެއް ނުލިބެ އެވެ.

މީގެ އިތުރުން ފަސް މާއްދާއިން ފާސްވި ނުވަތަ ސީ އިން ފެށިގެން މަތީ ގްރޭޑްތައް ހޯދައިގެން އަހުމަދިއްޔާގެ އިތުރުން 14 ސްކޫލަކަށް އެސްޓީއޯ ސްކޫލް އެޗީވްމަންޓް އެވޯޑް ވަނީ ދީފައި އެވެ. އަދި 10 ޕަސަންޓަށް ވުރެ ގިނަ ކުދިން ފަސް މާއްދާއިން ފާސްވި 57 ސްކޫލަކަށް އެސްޓީއޯ ސްކޫލް ޕްރޮގްރެސް އެވޯޑް ވެސް ދީފައިވެ އެވެ.

މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 35 ޕަސަންޓަށް އަރައިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޔޫ ގްރޭޑް ހޯދި ދަރިވަރުންގެ އަދަދުވެސް ވަނީ 16 ޕަސަންޓަށް ތިރިކުރެވިފަ އެވެ.

ނަމަވެސް އެޑިއުކޭޝަނުން ކަންބޮޑުވަނީ ދިވެހި އިސްލާމްގެ ނަތީޖާއާ ދޭތެރޭ އެވެ. އެގޮތުން އެޑިއުކޭޝަނުން ކުރިން ބުނެފައިވަނީ، ދިވެހި އިސްލާމުން ފާސްވާ ކުދިންގެ ނިސްބަތް ފާއިތުވި ފަސް އަހަރުތެރޭ ވަނީ ދަށްވެފައި ކަމަށެވެ.

މިދިޔަ އަހަރު ދިވެހިން ފާސްވި ކުދިންގެ ނިސްބަތް 2009 ވަނަ އަހަރާ އަޅާބަލާއިރު 14 ޕަސަންޓު އިތުރުވި ނަމަވެސް، މިދިޔަ އަހަރު އިސްލާމް ޓެސްޓް ހެދި ދަރިވަރުންގެ 50 އިންސައްތަ ވެސް އެ މާއްދާއިން ފާސްވެފައިނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.