ހަފްލާތަކަށާއި ރަސްމިއްޔާތުތަކަށް ހާއްސަ ހޯލްތަކެއް ހެދުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް – އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" ފެއްޓުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ހަދާ ބޮޑެތި އިމާރާތްތަކުގައި ހަފްލާތަކަށް ހާއްސަ ބޮޑެތި ޖާގަތައް ހަމަޖައްސާނެ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ތިޔަ ބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ޒަމާނީ ފެންވަރެއްގެ ކޮންވެންޝަން ސެންޓަރުތަކެއް ހެދުން،" ސައީދު ވިދާޅުވި އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ހަދާ އިމާރާތްތަކުގައި ވެސް އެފަދަ ހޯލްތައް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް އެކްސްޕޯޓަކަށް އަލިއަޅުވާލައި މިނިސްޓަރު ވިދާޅުވީ އެއީ ބޭރު ވިޔަފާރިތަކާއި ދިވެހި ވިޔަފާރިތަކާ ގުޅުވަން ލިބޭ ފުރުސަތެއް ކަމަށާއި އޭގެ ފައިދާ އޮތީ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.