22 Aug 2016, 13:40
ދިވެހިރާއްޖޭގައި ހުންނަ ޗައިނީޒް އެމްބަސީން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ފައިސާގެ އެހީއެއް ވެދީފިއެވެ.
ޗައިނީޒް އެމްބަސީން ފައިސާ ހަދިޔާކޮށްފައިވަނީ މިއަދު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޗައިނީޒް އެމްބަސީގެ ފަރާތުން އޯޓިޒަމް އެސޯސިއޭޝަނަށް 8100 ޑޮލަރު (124902 ދިވެހި ރުފިޔާ) ހަދިޔާކޮށްފައިވާއިރު އެ ފައިސާ ހަވާލުކޮށްދެއްވީ ޗައިނީސް އެމްބެސެޑަރު ވަންގ ފުކަންގ އެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ފައިސާއާ ހަވާލުވެލެއްވީ އެ އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އިފްހާމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިފްހާމް ވިދާޅުވީ ޗައިނީޒް އެމްބަސީ އަކީ އަބަދުވެސް އެ އެސޯސިއޭޝަނަށް އެހީތެރި ވެދެއްވާ ފަރާތެއް ކަމަށެވެ. އަދި އެ ފައިސާތައް ބޭނުން ކުރާނީ ތެރަޕީ ތަކަށާއި، ފީ ނުދެއްކި ތިބި ކުދިންނަށް ފީ ދައްކައިދިނުމަށާއި، ޓީޗަރުންނަށް މުސާރަ ދިނުން ފަދަ ކަންކަމަށް ކަމަށެވެ.
"ޓީޗަރުންނަށް މުސާރަ ދިނުމުގައި އެތައް ދަތިތަކެއް އެބައުޅޭ. ކުދިންގެ ފީ ނުދެއްކުމުގެ އެތައް ދަތިތަކެއް އެބައުޅޭ. ނަމަވެސް މިފަދަ ފައިސާތައް އަޅުގަނޑުމެން ބޭނުން ކުރަނީ މިފަދަ ކަންކަމަށް،" އިފްހާމް ވިދާޅުވި އެވެ.
ޗައިނީޒް އެމަބަސީން އޯޓިޒަމް އެސޯސިއޭޝަނަށް މީގެ ކުރިންވަނީ ކޮމްޕިއުޓަރު ސިސްޓަމް ތަކެއްވެސް ހަދިޔާ ކޮށްފައެވެ.