ބަޣުދާދު(އޮގަސްޓް 22): އިރާގުގެ ތިކްރީތުގައި ހުރި އެއާފޯސްގެ ބޭހެއްގައި ތިބި 1700 ރެކްރޫޓުން، 2014 ވަނަ އަހަރުގެ ޖޫން މަހު ވަގަށް ނެގުމަށް ފަހު މަރާލި ހާދިސާއާ ގުޅިގެން އައިއެސް ޖަމާއަތަށް ނިސްބަތްވާ 36 މީހަކު އިރާގުން ދަންޖައްސައިފިއެވެ.

އައިއެސްގެ ބާރުގެ ދަށަށް އިރާގުގެ އުތުރުގައި އޮންނަ ސަރަހައްދުތައް ގެންދިޔަ އިރު، ސްޕައިކާ އެއާފޯސް ބޭހުން މީހުން ވަގަށް ނަގައި، މަރާލި ކަމުގެ ޒިންމާ އައިއެސްއިން ވަނީ ނަގައިފަވެ. އަދި އެމީހުން މަރާތަން ފެންނަ ވީޑިއޯތަކާއި ފޮޓޯތައް އައިއެސް އިން ވަނީ އާއްމުކޮށްފައެވެ.

އެ ގަތުލުއާއްމުގައި ބައިވެރިވިކަން ސާބިތުވި އައިއެސްގެ 36 މެމްބަރުން މިއަދު ދަންޖައްސާފައި ވަނީ މިދިޔަ މަހު ބަޣުދާދަށް ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދަންޖެއްސުން އަވަސް ކުރަން އިރާގުގެ ބޮޑުވަޒީރު، ހައިދަރު އަލް އާބާދީ އިއުލާން ކުރެއްވި ފަހުންނެވެ. ބަޣުދާދުގެ ތާރީހުގައިވެސް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް ފާހަގަކޮށްފައިވާ އެހަމަލާގައި 300 މީހަކު މަރުވި އެވެ. (އަލްޖަޒީރާ)