30 May 2011, 22:23
ފަރްނާ : ލީބިޔާގެޒަޢީމް މުޢައްމަރުލްޤައްޒާފީގެ ބާރުތަކާ ދެކޮޅަށް ނޭޓޯ ހިންގަމުން ގެންދާ އޮޕަރޭޝަން ކާމިޔާބު ވަމުންދާ ކަމަށާއި ގައްޒާފީގެ ވެރިކަމުގެ ދުވަސްތައް އިނގިލިތަކުން ގުނާލެވޭމިންވަރަށް މަދުވެއްޖެ ކަމަށްވިދާޅުވެ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން، ގައްޒާފީއަށް އިންޒާރުކުރައްވައިފިއެވެ.
ބަލްގޭރިޔާގެ ފަރްނާ ސިޓީގައި މިހާރުކުރިޔަށްދާ ނޭޓޯގެ މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން ރަސްމޯސަން ވިދާޅުވީ ގައްޒާފީގެ ނުރައްކަލުން ސަލާމަތްވުމުގެ ފުރްސަތު ލީބިޔާގެ ރައްޔިތުންނަށް ލިބެން ކައިރިވެއްޖެ ކަމަށާއި ދެން ގައްޒާފީގެ ވެރިކަން ގިނަދުވަސްތަކަކަށް ދެމިގެން ނުދާނެ ކަމުގައެވެ.
ގައްޒާފީ އަވަހާރަކޮށްލުމުގެ ސިއްރު ރޭވުމެއް ނޭޓޯ ރާވަމުން ގެންދާކަން އެނގިފައި ނުވިނަމަވެސް ގައްޒާފީ ދިރިއުޅުއްވާ ކަމަށް ބެލެވިފައިވާ ތަންތަނަށާއި އޭނާގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީޒިއްޔާ ކޭންޕަށް ނޭޓޯ ދެމުންގެންދާ ވައިގެ ޙަމަލާތައްވަނީ އާދަޔާ ޚިލާފަށް އިތުރުކޮށްފައެވެ.
ގައްޒާފީގެ ބާރުތައް ބަލިކުރުމަށް ކަމަށްބުނެ ގިނަ ޢަދަދެއްގެ އަޕާޗޭ ހެލިކޮޕްޓަރު ލީބިޔާއަށް ފޮނުވުމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން މަސައްކަތްކުރަމުން ގެންދާތީ މިއީ ގައްޒާފީ އަވަހާރަކޮށްލުމުގެ ރޭވުމެއްގެ ދަށުން ކުރާކަމެއްކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ނޭޓޯގެ ޙަމަލާތަކުން ސަލާމަތް ވުމަށްޓަކައި ގައްޒާފީ މިހާރު އުޅުއްވަނީ ފިއްލަވައިގެން ކަމަށާއި މޯބައިލް ފޯނުން ގުޅާނަމަ ގައްޒާފީ އުޅުއްވާތަނެއް ނޭޓޯގެ ބާރުތަކަށް އެނގިދާނެތީ ގައްޒާފީ އާއި އޭނާގެ ސަރުކާރުގެ އިސްވެރިންނާދެމެދު މުވާސަލާތީ ގުޅުންތައް ކެނޑި ގައްޒާފީ އެކަހެރިވެވަޑައިގެންފައިވާ ކަމަށް ހުޅަނގުގެ ބައެއް ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.
އަނެއްކޮޅުން ވެރިކަން ދޫކުރެއްވުމަށްފަހު ގައްޒާފީ ލީބިޔާއިން ބޭރަށް ވަޑައިގަތުމުގެ ޕްލޭނެއް ހިއްޕަވައިގެން ދެކުނު އެފްރިކާގެ ރައީސް މިއަދުވަނީ ޓްރިޕޮލީއަށް ވަޑައިގެންފައެވެ. އެޕްލޭން ޤަބޫލު ނުކުރައްވައިފިނަމަ ގައްޒާފީ އަވަހާރަކޮށްލުމަށް ނޭޓޯ ސިއްރިޔާތުގައި މަސައްކަތްކޮށްފާނެ ކަމަށް ގިނަފަރާތްތަކުން ލަފާކުރެއެވެ.
ގައްޒާފީ އަވަހާރަކޮށްލުމަށް ނޭޓޯއަށް ހިއްވަރު ދެމުން ގެެންދަނީ އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިންނެވެ. ގައްޒާފީގެ ކިބައިން ލީބިޔާގެ ޢާންމުން ޙިމާޔަތްކުުރުމުގެ ނަމުގައި ލީބިޔާގެ އަހްލީ ހަނގުރާމައިގެ ތެރެއަށް ނޭޓޯ ވަދެގަތީ ލީބިޔާގެ ތެލުގެ މުއްސަނަދިކަމުގެ ދަހިވެތިކަމުގައި ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ސޫރިޔާއާއި ޔަމަންގެ ސަރުކާރުތަކުން އެޤައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުންތައް މަރަމުން ގެންދާއިރު ލީބިޔާއަށް ސަމާލުކަން ދިންމިންވަރާ ގާތަށްވެސް ނޭޓޯއާއި ހުޅަނގުން އެދެޤައުމަށް ސަމާލުކަން ނުދޭކަން މުޙައްލިލުން ފާހަގަ ކުރައްވައެވެ.(ބީ.ބީ.ސީ)