ގަސްތުގައި މީހަކު މެރުމުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ އަހަރަށް ވުރެ މި އަަހަރު ކުޑަކުދިންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މިއަހަރުގެ ފުރަތަމަ ހަމަަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ 2015 ވަނަ އަހަރު ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި ޝާމިލްވެފައި ވަނީ ދެ ކުދިން ކަމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކުގައި ހަތް ކުޑަކުއްޖަކު ޝާމިލްވެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެތެރެއިން ހަ ކުދިންނަކީ އަލަށް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އަލަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މަރުގެ މައްސަލަތަކުގައި ކުޑަކުދިން ޝާމިލްވާ މިންވަރު އިތުރުވެފައި ވަނީ ގުރޫޕު މާރާމާރީގައި ކުދިން ބައިވެރިވުން އިތުރުވުމުން ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކުޑަކުދިން އެންމެ ގިނައިން ކުރާ ކުށުގެ ބާވަތްތަކުގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމާއި މާރާމާރީގެ މައްސަލަތަކެވެ. އަދި ކުޑަކުދިންގެ ތެރެއިން އަންހެންކުދިން ޝާމިލްވެފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރީގެ މައްސަލަތަކާއި ވައްކަން ކުރުމާއި ބަދުއަހްލާގީ އަމަލު ހިންގުމުގެ މައްސަލަތަކުގައި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން 30 ޖޫންގެ ނިޔަލަށް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ގާނޫނާ ގަވާއިދާ ހިލާފުވެގެން 167 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި ކުށް ތަކުރާރުކޮށްގެން 47 ކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފިރިހެން ކުދިންނެކޭ އެއްގޮތަށް އަންހެންކުދިން ވެސް ކުށްތަކުގައި ޝާމިލްވެފައިވީ ނަމަވެސް ގިނައީ ފިރިހެންކުދިންކަން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ ފާހަކޮށްފަ އެވެ.

ކުށްކުރާ ކުދިންގެ ތެރޭގައި ގިނައީ ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ ބެލެނިވެރިންގެ ކުދިންކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ކުދިން ކުށުގެ މާހައުލަށް ވަންނަ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ފުރާވަރަށް އެޅޭ ދުވަސްވަރު މައިންބަފައިންނަނަށް ކުދިން ކޮންޓްރޯލް ނުކުރެވުމާއި ކުދިންގެ ގެއަށް ނުވަދެ ބޭރުގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް ބެލެނިވެރިންނަށް މައްސަލައަކަށް ނުވުން ފަދަ ކަންކަމެވެ.

ގިނަ ހާލަތްތަކުގައި ކުއްޖާގެ އަހުލާގީ މައްސަލަ ދިމާވާ ހިސާބުން ވެސް އެކުއްޖާ އިސްލާހު ކުރުމަށް ބެލެނިވެރިންގެ އެއްބާރުލުން ނުލިބޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ ގިނަ ކުދިންނަކީ އަތޮޅުތަކުގެ ކުދިން ކަމަށްވިޔަސް ގިނަ ކުދިން ހައްޔަރު ކުރަނީ މާލޭ ސަރަހައްދުން ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ހައްޔަރު ކުރާ ކުދިންގެ ތެރެއިން 85 ޕަސެންޓް ކުދިން ހައްޔަރުކޮށްފައި ވަނީ މާލޭން ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.