ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރިކަމުގެ ދެ ދައުވާއެއް ސާބިތުވެ 10 މަހަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްސަލަ އދ.ގެ ވޯކިންގެ ގްރޫޕަށް ހުށަހަޅައިފި އެވެ.

އެމައްސަލަ އދ.ގެ ވޯކިންގް ގްރޫޕަށް ހުށަހެޅިކަން މަހުލޫފުގެ ވަކީލު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެއް މައްސަލާގައި މަހުލޫފު ޖަލަށް ލާން ހުކުމް ކުރީ ހަތަރު މަހަށެވެ. އަނެއް މައްސަލާގައި މަހުލޫފުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ހަ މަހަށް ޖަލަށްލާށެވެ.

ހަ މަހަށް ޖަލަށްލާން މަހުލޫފުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާތީ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފަހު، ކޯޓުން ނެރުނު ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި ފިލަން ދުވެފައިވާ ކަމަށް ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާތީ ކަމަށް ހުކުމުގައިވެ އެވެ.

މަހުލޫފަކީ އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާސަންގެ އިތުރުން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.