ސްޕެއިންގެ ވެލެންސިއަށް ކުޅެމުން އަންނަ ސެންޓްރަލް ޑިފެންޑަރ ޝޮދްރާން މުސްތަފީ، މިހާރުކުރިއަށްދާ ޓްރާންސްފަރ މާކެޓް ނިމުމުގެ ކުރީން އާސެނަލަށް ގެނެވޭނެކަމުގެ އުންމީދުގައި ހުރިކަމަށް އެ ކްލަބުގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.

އާސެނަލުން ވަނީ، ޖަރުމަނުގެ ޑިފެންޑަރު ގަންނަން ވެލެންސިއާއަށް 25 މިލިއަން ޕައުންޑު ހުށަހަޅައިފައެވެ. ނަމަވެސް، ވެލެންސިއާއިން ވަނީ އެ އަގު ދެގުނައަށް ބޮޑުކޮށްފައި ކަމަށް އިނގިރޭސި ނޫހެއް ކަމަށްވާ މިރަރ އިން ރިޕޯޓްކުރެއެވެ. އެގޮތުން މުސްތަފީ އެހެން ކްލަބަކަށް ވިއްކާލާނީ 50 މިލިއަން ޕައުންޑަށް ކަމަށް ވެލެންސިއާއިން ވަނީ ހާމަކޮށްފައެވެ.

ވެލެންސިއާއިން މުސްތަފީގެ އަގު މަތިކުރުމުން ވެންގާ ވަނީ އެހާ ބޮޑު އަގެއްދީފައި އެ ވިޔަފާރިކުރަން ބޭނުން ނޫންކަމަށް ބުނެފައެވެ. އެހެން ނަމަވެސް، އަދި އެ މަސައްކަތް ހުއްޓާ ނުލާނޭ ކަމަށް އާސެނަލްގެ ކޯޗު ބުންޏެވެ.

ޓްރާންސްފަރ ބާޒާރުގައި އާސެނަލް ހަރަކާތްތެރިވާ މިންވަރު ކުޑަކަމަށް ބުނެ، ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ބަހުގެ ހޫނު ހަމަލާތަކެއް ކޯޗު ވެންގާއަށް އަމާޒުކުރަމުންދާ މި ދަނޑިވަޅުގައި، އާސެނަލުން ދަނީ މުސްތަފީ އެ ކްލަބަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އޭނާގެ ޓްރާންސްފަރ ފީ ކަނޑައެޅުމުގައި ދެ ކްލަބަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

އާސެނަލްގެ ކޯޗް އާސެން ވެންގާ: ރަނގަޅު ކުޅުންތެރިއަކު ލިބޭނަމަ ބޮޑު ޚަރަދެއް ކުރާންވެސް ތައްޔާރުކަމަށް ވެންގާ ބުނޭ -- ފޮޓޯ: ގޯލް

ވެންގާ ބުނީ، ރަނގަޅު ކުޅުން ކުޅުންތެރީން ހޯދުމަށް ކްލަބުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ބޭނުންވާފަދަ ރަނގަޅު ކުޅުންތެރިއަކު އަދިވެސް ނުހޯދެނީ ކަމަށެވެ.

"މުސްތަފީ؟ އަހަރެމެންގެ އުންމީދަކީ އޭނާ ގެނައުން،" އެސްއާރުއެފް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުންޏެވެ.

"އަހަރެމެން ބޭނުންވާ ފަދަ ކުޅުންތެރިއަކު ހޯދުމުގައި އުނދަގޫތަކެއް އެބަހުރި."

ވެންގާ ބުނީ، މުސްތަފީއަކީ އާސެނަލުން ބޭނުންވާ ފަދަ ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން އޭނާ ގެނައުމަށް ކުރަންޖެހޭ މަޝްވަރާތައް މިހާރުވެސް ކުރިއަށް ދާކަމަށެވެ.

މުސްތަފީ ނުގެނެވިއްޖެ ހާލަތެއްގައި ޗެލްސީގެ ސްޕެނިޝް ވިންގާ ޕެޑްރޯ ހޯދަން އާސެނަލުން މަސައްކަތް ކުރަމުން ދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރިމިއަރ ލީގުގައި ހުރިހާ ޓީމަކުން ވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެންމެ ޕޮއިންޓަކާއެކު އާސެނަލް އޮތީ ތާވަލުގެ 13 ވަނައިގައެވެ. ލީގުގައި ދެން އެންމެ އަވަހަށް އާސެނަލް މެޗެއް ކުޅެން ޖެހޭނީ މިމަހުގެ 27 ވަނަ ދުވަހު ރަށުން ބޭރުގައި ވޮޓަފޯޑާ ދެކޮޅަށެވެ.