22 Aug 2016, 10:19
ޕަޓްނާ (އޮގަސްޓް 22): އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި އެ ގައުމުގެ މަދްޔާ ޕްރަދޭޝްއިން 17 މީހަކު މަރުވެއްޖެ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިންޑިއާގެ އެކި ސަރަހައްދުތަކުގެ ކޯރުތައް ވަނީ ބަންޑުންވާން ފަށައިފަ އެވެ. ބިހާރު ސްޓޭޓުގައި އެކަނިވެސް ހަ ކޯރެއް ބަންޑުންވެ، ގިނަ ޑިސްޓުރިކްޓުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 15،000 މީހަކު ވަނީ 80 އަށް ވުރެ ގިނަ ވަގުތީ ކޭމްޕުތަކަށް ބަދަލުކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް ވަނީ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި. ހުރިހާ އެއްޗެއް ވަނީ ފެނު އަޑީގައި. ކާނެ އެއްޗެއް، ބޯނެ ފެނެއް އަދި ބޯޓެއް ވެސް ނެތް. އަޅުގަނޑުމެންނަކަށް ނޭނގެ ދެން ކަންތައް ކުރަންވީ ގޮތެއް،" ބިހާރު ސްޓޭޓުގެ ވެރިރަށް ޕަޓްނާގެ މީހަކު ބުންޏެވެ.
ބިހާރާ ޖެހިގެން އޮންނަ އުއްތަރަ ޕުރަދޭޝްގައި ގަންގާ ކޯރު ބަންޑުން ވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި އެސްޓޭޓުގެ ބިން ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވަނީ އުސް ސަރަހައްދުތަކަށް ބަދަލުވާން ފަށައިފަ އެވެ.(ބީބީސީ)