ގާޒިއަންޓެޕް(އޮގަސްޓް 22): ތުރުކީގެ ގާޒިއަންޓެޕް ސިޓީގައި އޮތް ކައިވެނި ހަފްލާއަކަށް ބޮމުގެ ހަމަލާއެއް ދިނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުއްޖެއް ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ރައީސް އުރުދުޣާންގެ ބަޔާނެއްގައިވާ ގޮތުން 51 މީހަކު މަރުވި އެހަމަލާގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ. ނަމަވެސް ހަމަލާ ދިން ކުޑަކުއްޖާ ލައިގެން ހުރި، ބޮން ހަރު ކޮށްފައިވާ ވެސްޓް ގޮއްވާލާފައި ވަނީ އެކުއްޖާ އަމިއްލައަށް ކަމެއް ނުވަތަ ރިމޯޓަކުން ކަން އަދި ނޭނގޭ ކަމަށް ރައީސް އުރުދުޣާން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އުރުދުޣާން ވަނީ އައިއެސް އާއި ތުރުކީގައި މަނާކޮށްފައިވާ ކުރުދިސްތާނު ވޯކާސް ޕާޓީ (ޕީކޭކޭ) އާއި ފަތުހުﷲ ގުލެން އަށް ތާއިދު ކުރާ މީހުންގެ މެދުގައި "އެއްވެސް ތަފާތެއް ނެތް" ކަމަށް ވިދާޅުވެފައެވެ. ތުރުކީ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި މިދިޔަ މަހު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތް ރާވާފައި ވަނީ ފަތުހުﷲ ގުލެން އެވެ.

"އަޅުގަނޑުމެންނަށް ހަމަލާ ދޭ މީހުންނަށް މިގައުމުން އަނެއްކާވެސް ދޭން އޮތީ ހަމަ އެއްމެ މެސެޖެއް - ހަމަލާ ދޭމީހުން ކާމިޔާބެއް ނުވާނެ،" ރައީސް އުރުދުޣާންގެ ބަޔާނުގައިވެއެވެ.

ތުރުކީ އާއި ސީރިއާއާ ދެމެދު އޮންނަ ހުރަސް ރޮނގު ކައިރީގައި އިއްޔެ ދިން ހަމަލާ އަމާޒު ކުރީ ކައިވެނި ހަފްލާ ބޭއްވި އިމާރާތުގެ ބޭރުގައި އުފާ ފާޅު ކުރަމުން ދިޔަ މީހުންނަށެވެ. އެސަރަހައްދަކީ ގިނަ އަދަދެއްގެ ކުރުދީން ދިރިއުޅޭ ސަރަހައްދެއް ކަމަށާއި، އެކައިވެންޏަކީ ކުރުދީންނަށް ވާގިވެރިވާ ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ (އެޗްޑީޕީ)ގެ މެމްބަރެއްގެ ކައިވެނި ހަފްލާ ކަމަށް ގާޒިންއަންޓެޕްގެ މަޖިލިސް މެމްބަރު ވިދާޅުވިއެވެ.

އެހަމަލާގައި 69 މީހަކަށް އަނިޔާވި އިރު، 17 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތަކުގައިވެއެވެ. (ބީބީސީ)