މިމަހު 10 ވަނަ ދުވަހުން ފެށިގެން ވ. ފެލިދޫއިން ގެއްލިގެން ހޯދަމުންދާ އުމުރުން 76 އަހަރުގެ އަހުމަދު ހަސަން (ހަސަންޅަކޮއެ) ހޯދުން ރަސްމީ އިދާރާތަކުން ހުއްޓާލި ނަމަވެސް އާއިލާއިން އަދިވެސް އެމަސައްކަތް ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހަސަންޅަކޮއެ ހޯދަން ކުރި މަސައްކަތް ސިފައިން މިމަހު 15 ވަނަ ދުވަހު ހުއްޓާލާފައިވާއިރު އެ އޮޕަރޭޝަނުގައި 117.54 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ. އެގޮތުން ޑައިވް ކޮށްގެން 7.48 އަކަ މޭލުގެ ސަރަހައްދެއްބެލިއެވެ.

ސިފައިންގެ އިތުރުން ފެލިދޫ ކައުންސިލުން އިސްނަގައިގެން އެރަށު ރައްޔިތުންނާއި ކައިރި ރަށްރަށުގެ ޑައިވިން ސެންޓަރުތަކުން ޑައިވަރުން ގެނެސްގެންވެސް ކުރި މަސައްކަތުން އޭނާ ނުފެނުމުން އެމީހުންވެސް ވަނީ މަސައްކަތް ހުއްޓާލާފައެވެ.

ފެލިދޫ ކައުންސިލްގެ ރައީސް ހަސަން އަލީ މިއަދު ވިދާޅުވީ، އެސަރަހައްދަށް މޫސުންވެސް ވަރަށް ގޯސް ކަމަށާއި ނަމަވެސް ހަސަންޅަކޮއެ ހޯދުމަށް އެ އާއިލާގެ ފެންވަރުން އާއިލާއިން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އާއިލާއިން ނުހުއްޓާ. އެބޭފުޅުން ކަނޑުމައްޗަށް ނުކުމެ އެބޭފުޅުންނަށް ކުރެވޭވަރު ކުރޭ. ފެނިދާނެ ކަމުގެ އުންމީދުގައި ޑިންގީކަހަލަ އެއްޗެހީގައި ބަލަމުންގެންދޭ. އެހެންނަމަވެސް ރަސްމީ ހުރިހާ އިދާރާއަކުން ހުއްޓާލާފައިވަނީ،" ހަސަން ވިދާޅުވިއެވެ.

ހަސަންޅަކޮއެގެ ހަތް ދަރިންނާއި އަންބަކު ދުނިޔޭގައި ތިބިއިރު ގިނަ އަދަދެއްގެ ކާފަ ދަރިންނާއި މުނިކާފަ ދަރިން އެބަތިއްބެވެ.

ކައުންސިލް ރައީސް ވިދާޅުވީ، ހަސަންޅަކޮއެ ވީ މޫދުގައިކަން ވަރަށް ބޮޑަށް ޔަގީން ވެފައިވާ ކަމަށެވެ. އެގޮތުން އޭނާ އަޅައިގެން އުޅޭ އައިނު މޫދުން ފެނިފައިވާއިރު އޭނާގެ ފައިވާން ވެސް ވަނީ މޫދު ކައިރިން އެއްގަމުން ފެނިފައި ކަމަށް ހަސަން އަލީ ވިދާޅުވެއެވެ.

ހަސަން އަލީ ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދާ އަހުމަދު ހަސަނަކީ އެހާބަލި މީހެއްނޫނެވެ. އާންމުކޮށް މޫދަށް ގޮހެއް ވެސް ނޫޅެއެވެ. ބޮޑަށް ބެލެވެނީ ކުޑަކަމު ދިއުމަށް މޫދު ކައިރިއަށް ދިޔައީ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.