ދައުލަތުގެ މާލީ ވުޒާރާ، ފިނޭންސް މިނިސްޓްރީގެ ހިންގާ އިމާރާތާއި، އެ އިމާރާތާ އިންވެގެން 25 ބުރީގެ އާ އިމާރާތް އަޅާ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާ ހަވާލުވުމުގެ މަޝްވަރާތައް ފަށައިފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްލާއިލް އަލީ "ސަން"އަށް މިރޭ ވިދާޅުވީ މަޝްވަރާތައް ކުރަމުންދަނީ އެ ސަރަހައްދުގެ އަމަން ބެލެހެއްޓުން ސްޕެޝަލް ކޮންސްޓެބިލިޓީ ފުލުހުންނާ ހަވާލު ކުރުމަށް ކަމަށެވެ. ސްޕެޝަލް ކޮންސްޓެބިލިޓީ ފުލުހުންނާ އެ މަސައްކަތް ހަވާލު ވާނީ ކޮންޓްރެކްޓް އުސޫލުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ސެކިއުރިޓީއާ ހަވާލުވުމަށް މަސައްކަތް ކުރަމުންދަނީ އެތަނުގައި ސަރުކާރުގެ ބޮޑު އިމާރާތެއް ކުރާތީ ތަފާތު އެކިތަކެތި އެ ސަރަހައްދަށް ޖަމާކުރަމުންދާތީ،" ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާ ތަންތަނުގެ ތެރޭގައި އައިޖީއެމްއެޗާއި ހައި ކޮމިޝަންތަކާއި ބައެއް ބޭންކުތަކާއި ޒުވާނުންގެ މަރުކަޒު ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީ ހިމެނޭ ސަރަހައްދުގެ އަމަން ބެލެހެއްޓުމާ ފުލުހުން ހަވާލުވުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، އެ އިމާރާތުގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ނޯޓިސް ދިން ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ހައްޔަރު ކުރި ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ.

ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.