ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމުން ޔޮރްދާން ސްޓޮއިކޯފް އިވަނޯފް އިސްތިއުފާ ދިން ފަހުން ކުޅުނު ފުރަތަމަ މެޗުގައި 2-0ގެ ނަތީޖާ އަކުން ވެލެންސިއާގެ މައްޗަށް ކުރި ހޯދައިފި އެވެ.

އެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ނިއު އޮތީ ކުޅުނު 14 މެޗުން ލިބުނު 16 ޕޮއިންޓާ އެކު ފަސް ވަނާގަ އެވެ. ނިއު އަށް ވުރެން ތިން ޕޮއިންޓް ގިނައި އިން ލިބިގެން ވެލެންސިއާ އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ.

މިރޭގެ މެޗު ފެށިގެން ވެލެންސިއާ އިން ރަނގަޅަށް ކުޅުނު އިރު ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެސް އެ ޓީމަށެވެ. ނަމަވެސް ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް އަހުމަދު ރިލްވާން (ރިލޭ) ނަގައިދިން ހުރަސް ބިނދޭސީ ފޯވާޑް އެންޖަލް ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

އުރީދީ ދިވެހި ޕްރިމިއާ ލީގްގައި ނިއު އާއި ވެލެންސިއާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ފުރަތަމަ ހާފުގައި ގޯލެއް ޖަހާނެ ފުރުސަތެއް ނިއު އަށް ނުލިބުނު އިރު އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު)ގެ އިރުޝާދުގެ ދަށުން ކުޅުނު ނިއު އަށް ލީޑް ނަގައިދިނީ ދެވަނަ ހާފުގެ 72 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން މުހައްމަދު މުސްލިހެވެ.

މުސްލިހްގެ އެ ގޯލަށް ފަހު ވެސް އޭނާ ވަނީ ވެލެންސިއާ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ރަނގަޅު ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް މުސްލިހްގެ އެ ހަމަލާ ދިޔައީ ވެލެންސިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ނިއުގެ ލީޑު އިތުރަށް ފުޅާކޮށްދިން ގޯލު މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ލީގުގައި މާދަމާ ކުޅޭނީ ދެވަނަ ބުރުގެ ފަހު ދެ މެޗެވެ. ހަވީރު ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އެވެ. ރޭގަނޑު އޮންނާނީ މާޒިޔާ އާއި އީގަލްސްގެ މެޗެވެ.