ރާއްޖޭގެ ޒުވާން އެތުލީޓުންތަކަކާއެކު ތަމްރީނުތަކެއް ހެދުމަށް ކުރީގެ ރައީސުންނަށް އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކެޓްރީ އަހުމަދު މަރުޒޫގު (މަރޭ) ހުށަހެޅުއްވި ދައުވަތު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވައިފި އެވެ.

އެތުލީޓުންނާއެކު ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް ރައީސް ޔާމީންގެ އިތުރުން ރާއްޖޭގެ ވެރިކަން ކުރެއްވި ތިން ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހަންމަދު ނަޝީދާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވެސް މަރޭ ވަނީ ދައުވަތު އަރުވާފަ އެވެ.

އެ ދައުވަތަކީ ރާއްޖޭގެ އެތުލީޓުން ކުރާ ބުރަ މަސަތްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މަރޭ އަމިއްލަ އިސްނެގުމަށް ފައްޓަވާފައިވާ ހަރަކާތުގެ ދަށުން ދިން ދައުވަތެކެވެ. އެ ހަރަކާތަށް މަރޭ ދީފައިވާ ނަމަކީ "ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް" އެވެ.

އެ ހަރަކާތުގެ ދަށުން މިހާތަނަށް ރާއްޖޭގެ މަޝްހޫރު ތަރިންނާއި ސިޔާސީ ފަރާތްތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ތަމްރީނުތަކުގައި ދިވެހި އެތުލީޓުންނާ ކުރިމަތިލައި، އެ އެތުލީޓުންގެ ތަޖުރިބާ ގާތުން ބަލާފަ އެވެ.

ބްރެޒިލްގެ ރިއޯގައި ކުރިއަށްދާ އޮލިމްޕިކްސް ފެށުމާ އެކު ރާއްޖޭގެ ހަތަރު އެތުލީޓުންނާއެކު ބްރެޒިލްގެ ރިއޯ ޑި ޖެނީރިއޯގައި ހުރި މަރޭ ވަނީ އޭނާ ފަށާފައިވާ އެ ހަރަކާތް ނިންމާލުމުގެ ގޮތުން ރާއްޖޭގެ ހަތަރު ރައީސުން އެކުރިމަތިލުމުގައި އެ ތުލީޓުންނާ ވާދަ ކުރުމުގެ ދައުވަތު ދީފަ އެވެ.

މަރޭ މާލޭގައި ކުރިއަށް ގެންދިޔަ ޓްރެއިން ވިތް މައި ޗެމްޕްސްގެ ތެރެއިން --- ފޮޓޯ: ފާއިދު

"ޓްރެއިނިން ވިތު އެމްވީ ޗެމްޕްސް އަށް ނޮމިނޭޓް ކުރި ފަރާތުން ވަނީ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފަ. އެހެންވެ މި ޗެލެންޖް ނިންމާލުމުގެ ގޮތުން އެންމެ ފަހުގެ ބައިވެރިން މި ނޮމިނޭޓް ކުރީ،" ސޯޝަލް މީޑިއާ މެދުވެރިކޮށް މަރޭ މިއަދު ބުންޏެވެ.

ރައީސުންނަށް މަރޭގެ ހުށަހެޅި ދައުވަތު އެންމެ ފުރަތަމަ ގަބޫލު ކުރިކަން އިއުލާން ކުރެއްވީ ލަންޑަނުގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އިނގިރޭސިންގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ވަނީ މަރޭގެ ހުށަހެޅުން ގަބޫލު ކުރެއްވިކަން ޓުވިޓާ މެދުވެރިކޮށް އިއުލާން ކުރައްވާފަ އެވެ. ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނެވީ އައިއޯއައިޖީގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ދުވުންތެރިޔާ ސަމްހާ އަހުމަދާއެކު ތަމްރީނެއް ފުރިހަމަކުރާށެވެ.

މަރޭ މާލޭގައި ކުރިއަށް ގެންދިޔަ ޓްރެއިން ވިތް މައި ޗެމްޕްސްގެ ތެރެއިން --- ފޮޓޯ: ފާއިދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާ އެކު ތަމްރީން ފުރިހަމަ ކުރުމަށް ވެރިކަމުގައި ހުންނެވި ރައީސް ޔާމިން ވެސް ހުންނެވީ ތައްޔާރަށެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.

ރައީސް މައުމޫނަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ޗެލެންޖަކީ އައިއޯއައިޖީގައި 2011 އަދި 2015ގައި ލޯ މެޑެލް ހޯދި މުހައްމަދު އަޖްފާން ރަޝީދާ އެކު ތަމްރީނެއްގައި ބައިވެރިވުމެވެ. ނަމަވެސް ރައީސް މައުމޫން އެ ހުށަހެޅުއްވުން ގަބޫލުފުޅު ކުރެއްވިކަމެއް އިއުލާނެއް ނުކުރައްވަ އެވެ.

ރައީސް މައުމޫނާ ވާދަ ކުރައްވާނެ އަޖުފާނަކީ ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުގެ ބްރޮންޒް މެޑަލްއެއް ހޯދާފައިވާ އެތުލީޓެކެވެ.

މަރޭގެ ކުރިއަށް ގެންދިޔަ ޓްރެއިން ވިތު އެމްވީ ޗެލެންޖް ތެރެއިން ރިއޯގައި ޝާއިދު އާއި އެކު ތަމްރީން ހަދަނީ --- ފޮޓޯ: އުޝާފަތު

ރައީސް ވަހީދު ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު ތަމްރީނެއް ފުރިހަމަކުރާށެވެ. ސަޖަން އަކީ ރާއްޖެއިން ބޭރުގައި ތަމްރީނުތަކެއް ހަދައި، ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ފެތުންތެރިއެކެވެ.

ހަތަރު ރައީސުން ތަމްރީން ފުރިހަމަ ކުރައްވަން ޖެހޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާ ޕެރަލިމްޕިކްސް މުބާރާތުގެ ކުރިންނެވެ.