19:25 އދ. ދަނގެތީގައި ގަހެއްގައި އެލުވައިފަ އޮތް ވާގަނޑަކާ ކުޅެނިކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަރު މިއަދު މަރުވެއްޖެ އެވެ.

ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ، މިއަދު މެންދުރު ފަހު އެ ކުއްޖާ މަރުވި ކަމަށް ބެލެވެނީ ގަހެއްގައި އެލުވާފައި އޮތް ވާގަނޑެއްގައި ހުރި މަޅިއަކަށް ކުޑަކުއްޖާ ލެއްވިގެން ޖޯލި ހެއްލާ ގޮތަށް ހެއްލަމުންދަނިކޮށް ވާގަނޑު ދަތްދޮޅީގައި އޮޅި ބާރުވެގެން ކަމަށެވެ.

ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށާއި ފަހުން އިތުރު ތަފްސީލު ދެއްވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

ދަނގެތީ ރަށުކައުންސިލްގެ ރައީސް އާޒިމް އާދަމް ވިދާޅުވީ އެހާދިސާ ހިނގީ މަރުވި ކުއްޖާގެ ގޭގެ ގޯތިތެރޭގައި ކަމަށް ވިޔަސް އެގޭގައި މިވަގުތު އެއްވެސް ބަޔަކު ނޫޅޭ ކަމަށެވެ. އެހެން ވެ އެހާދިސާ ހިނގި ވަގުތު އެތަނުގައި އެއްވެސް ބޮޑުމީހެއް ނެތްކަމަށާއި ތިބީ އޭނާއާ އެއް އުމުރެއްގެ ދެކުދިން ކަމަށް ވެސް ހާދިސާ ހިނގި ވަގުތު އެތަނަށް ދިޔަ މީހަކާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

"ކުއްޖަކު ރޮއިގަތް އަޑަށް އެތާ ކައިރި ގެއެއްގެ މީހަކު ދިޔައީ. އޭނާ ގޮސް ކުއްޖާ ވާގަނޑުން ނައްޓުވާލައިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ" އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހަބަރު ލިބުމުން ސިއްހީ މަރުކަޒަށް އޭނާވެސް ވަޑައިގަތް ކަމަށެވެ. އަދި އޭރު އެކުއްޖާ އޮތީ ނިޔާވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކުއްޖާގެ އާއިލާ މިވަގުތު ތިބީ ބޭސްފަރުވާއަކަށް ގޮސް މާލޭގައި، އެހެންވެ އެގޭގައި އެއްވެސް މީހަކު ނޫޅޭ. އެކުއްޖާ ދިރިއުޅެނީ މާމައާއި ކާފައާ އެކު މާމަމެން ގޭގައި." އާޒިމް ވިދާޅުވިއެވެ.

އާއިލާއާ ހަވާލާ ދެއްވައި އާޒިމް ވިދާޅުވީ މަރުވި ކުއްޖާ މާމަމެންގެ ގޭގައި ދިރިއުޅުން ނަމަވެސް ކުޅެ ހެދުމަށް އޭނާގެ ގެއަށް ކޮންމެ ދުވަހަކުވެސް ގޮސް އުޅޭ ކަމަށެވެ. އަދި ދަނީ އުމުރުގެ އެހެން ކުދިންނާ އެކުގައި ކަމަށާއި މިއަދުވެސް ދިޔައީ ކުދިންތަކަކާއެކު ކުޅެން ކަމަށެވެ.