21 Aug 2016, 20:25
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާޔަތުގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކަކުން މިހާތަނަށް 49.4 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓަކުން ދައްކައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާޔަތުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކަށް ނުލިބި ހުރި ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބުނެ ފާހަގަކުރި މައްސަލަ ބަލައި އޭސީސީއިން މިއަދު ވަނީ ރިޕޯޓެއް އާންމުކޮށްފައެވެ.
އެރިޕޯޓުގައި ބުނެފައިވަނީ 1992 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށްބުނެ 2010 ވަނަ އަހަރު ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓާ ގުޅިގެން ނުދައްކައި ހުރި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރާކަން އޭސީސީއަށް އަންގާފައިވާ ކަމަށެވެ.
އެ މައްސަލައަކީ ކޮރަޕްޝަންގެ އަމަލެއް ހިމެނޭ މައްސަލައެއް ނޫންކަމަށްވެސް އޭސީސީއިން ވަނީ ބުނެފަ އެވެ.
ނަމަވެސް ލޯނުގެ ގޮތުގައި ދޫކުރި ފައިސާ ލިބުމުގައި ލަސްތަކެއް ކުރިމަތިވާތީ، ފައިސާ ހޯދުން އަވަސްކުރުމަށް ޝަރީއަތަށް ފޮނުވައިގެން މަސައްކަތް ކުރުމަށް އޭސީސީއިން ވަނީ އަންގާފައެވެ. އަދި ލޯނުތަކުގެ ފައިސާ އަނބުރާ ނުދައްކާ ފަރާތްތައް ބްލެކްލިސްޓްކޮށް، އެ ފަރާތްތަކުގެ މައުލޫމާތު ރާއްޖޭގައި ހުރި ބޭންކުތަކަށް ފޮނުވައި، ދައުލަތަށް ލިބެންޖެހޭ ފައިސާ އަވަހަށް ހޯދުމަށް އިތުރަށް މަސައްކަތް ކުރުމަށްވެސް އޭސީސީއިން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގާފައެވެ.
ލޯނާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލޯނުތަކުގެ ލިސްޓުގައި ސީރިއަލް ނަންބަރުތަކުގެ ބައެއް ނަންބަރުތައް ނެތްކަން ތަހުގީގުގައި ފާހަގަކުރެވިފައިވާތީ، އެފަދަ ހިސާބުތަކުގެ ލިސްޓުތަކުގައި ސީރިއަލް ނަންބަރު ޖެހުމުގައި މިހާރަށްވުރެ ފަރުވާތެރިވުމަށާއި، ސަމާލުކަން ދިނުމަށްވެސް އޭސީސީއިން ވަނީ އަންގާފައެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ދޫކޮށްފައިވާ ލޯނުތަކުން 2010 ވަނަ އަހަރާހަމައަށް އައިރު 154 ލޯނަކުން 51.4 މިލިއަން ރުފިޔާ ދައުލަތަށް ނުލިބޭ ކަމަށާއި ނަމަވެސް 2015 ވަނަ އަހަރުގެ ނިޔަލަށް އޭގެތެރެއިން ދައްކައި ހަލާސްކޮށްފައި ނުވަނީ 97 ލޯނެއް ކަމަށް އޭސީސީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.