21 Aug 2016, 20:04
މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ)ގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގު (މަރޭ) ކުރިއަށްގެންދާ ޗެލެންޖުގެ އެންމެފަހު ނޮމިނޭޝަން ލިސްޓް އާންމުކޮށްފި އެވެ.
މަރޭގެ އެންމެ ފަހު ލިސްޓުގައި ހިމެނި ވަޑައިގަންނަވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވި ތިން ރައީސެކެވެ.
މަރޭ ކުރިމަތިކުރުވާ ޗެލެންޖަކީ އޭނާ ހޮވާލާ ފަރާތްތަކުން ރާއްޖޭގެ ކޮންމެވެސް އެތުލީޓެއް ނުވަތަ ކުޅިވަރު ޓީމަކާ އެކު ތަމްރީން ހެދުމަށެވެ. މަރޭ ހޮވާ ފަރާތްތަކުން ތަމްރީން ފުރިހަމަކުރަން ޖެހޭނީ ވެސް އޭނާ މަރޭ ކަނޑައަޅާ އެތުލީޓަކާއެކު އެވެ. އެ ޗެލެންޖަކީ ރާއްޖޭގެ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން މަރޭ ކުރިއަށްގެންދާ ހަރަކާތެކެވެ.
ރައީސް ޔާމީންގެ އިތުރުން މަރޭގެ މި ފަހަރުގެ ލިސްޓުގައި ހިމަނާފައިވަނީ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
މި ފަހަރުގެ ލިސްޓުގައި އެންމެ ބޮޑު ޗެލެންޖެއް މަރޭ ކުރިމަތިކުރެއްވީ ރައީސް ޔާމީނާ އެވެ. ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވަނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާ އެކު ތަމްރީނެއްގައި ބައިވެރިވުމަށެވެ. ސާއިދު އަކީ މިދިޔަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑެއްޔެއް ހޯދައިދީ، 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިދިން އެތުލީޓެވެ.

އައިއޯއައިޖީ އަށް ހަސަން ސާއިދު ފުރުމުގެ ކުރިން ރައީސް ޔާމީނާ ސަލާން ކުރަނީ ---- ފޮޓޯ: ރައީސް އޮފީސް
ރައީސް މައުމޫނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޗެލެންޖަކީ އައިއޯއައިޖީގައި 2011 އަދި 2015ގައި ލޯ މެޑެލް ހޯދި މުހައްމަދު އަޖްފާން ރަޝީދާ އެކު ތަމްރީނެއްގައި ބައިވެރިވުމަށެވެ. އަޖުފާނަކީ ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުގެ ބްރޮންޒް މެޑަލިސްޓެކެވެ.
ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނެވީ އައިއޯއައިޖީގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ދުވުންތެރިޔާ ސަމްހާ އަހުމަދާއެކު ތަމްރީނެއް ފުރިހަމަކުރާށެވެ. ސަމްހާ އަކީ ގިނަ ދުވަސްތަކަކު އެތުލެޓިކްސްއާ ދުރުގައި ހުރުމަށްފަހު، ބުރަ މަސައްކަތުން އައިއޯއައިޖީގައި ކާމިޔާބު ހޯދި ދުވުންތެރިއެކެވެ.
ރައީސް ވަހީދަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޗެލެންޖަކީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު ތަމްރީނެއް ފުރިހަމަކުރާށެވެ. ސަޖަން އަކީ ރާއްޖެއިން ބޭރުގައި ތަމްރީނުތަކެއް ހަދައި، ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ފެތުންތެރިއެކެވެ.
ރައީސް ޔާމީނާ އެކު މި ފަހަރުގެ ލިސްޓުގައި ހިމެނޭ ރައީސުން ތަމްރީން ފުރިހަމަ ކުރައްވަން ޖެހޭނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާ ޕެރަލިމްޕިކްސް މުބާރާތުގެ ކުރިންނެވެ.
އެހެން ފަރާތްތަކާ ޗެލެންޖް ކުރިމަތި ކުރުވުމުގެ ކުރިން މަރޭ ވަނީ ތަފާތު އެކި ކުޅިވަރުތަކުގެ ތަފާތު އެތުލީޓުންނާއެކު ތަމްރީންތައް ފުރިހަމަކޮށްފަ އެވެ. އެއަށްފަހު މަރޭ މިހާރު ވަނީ އެކި ފަރާތްތަކަށް ޗެލެންޖް ކުރުމުގެ ގޮތުން ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ އެކި ފަރާތްތައް ނޮމިނޭޓް ކޮށްފައެވެ.
މަރޭ ވަނީ ކުރިން ސަރުކާރުގެ މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، ލަވަކިޔުންތެރިން އަދި ޕްރެޒެންޑަރުން ވެސް ޗެލެންޖް ކުރިމަތި ކުރުވައިފަ އެވެ. އޭގެ ތެރެއިން ގިނަ ފަރާތްތަކަކުން ވަނީ ޗެލެންޖް ގަބޫލުކޮށް، ތަމްރީނުތައް ފުރިހަމަކޮށްފައެވެ.