ސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތިލަފުށި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށުގެ ފަޅު ހިއްކުމާއި އިތުރު ދެ ޕްރޮޖެކްޓެއް ކޮށްދޭނެ ފަރާތެއް ހޯދަން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން އިއުލާންކޮށްފި އެވެ.

ޓީސީއެލުން ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ ރަށުގެ ފަޅު ހިއްކުމާއި ޝޯ ޕްރޮޖެކްޝަންގެ އިތުރުން ޝީޓްޕައިލް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް ހިއްކަނީ ކިހާ ބޮޑު މިނެއްގެ ބިމެއް ކަމެއް އިއުލާނުގައި ބުނެފައެއްނުވެ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި ބިޑު ހުޅުވުން ވެސް އޮންނާނީ ހަމަ އެދުވަހު ކަމަށް ޓީސީއެލް އިން ބުނެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ، ކޮންމެ ފަރާތަކުން ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށާއި ޕްރޮޕޯސަލް އެއްގެ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެ ކަމަށެވެ.