ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ އެކު އަލުން ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ އޮފީހުން ދޭ މައުމޫލާމަތު ތަކާއެކު 2008 ވަނަ އަހަރު ފާސްކުރި ގާނޫނުއަސާސީ އިސްލާހުކޮށް އަލުން ޗާޕުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އެ އޮފީހަށް ގޮސް މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި ވަޑައިގަންނަވާއިރު އަންދާސީ ހިސާބު ގެންދެވުމަށް އޭޖީ އޮފީހުގެ އިއުލާނުގައި ވަނީ އެދިފަ އެވެ.

ޗާޕުކުރަނީ ގާނޫނުއަސާސީގެ ކިހާ ކޮޕީއެއް ކަމެއް އިއުލާނުގައި ބުނެފައެއް ނުވެ އެވެ.

މިދިއަ އަހަރު ތެރޭގައި ގާނޫނު އަސާސީއަށް ވަނީ ދެ އިސްލާހެއް ގެނެސްފަ އެވެ. ފުރަތަމަ އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލުކޮށް ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހެވެ.

ދެވަނަ އިސްލާހަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެެވެ. އެ އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ އެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

ޝަރުތުތަކާއެކު މިލްކު ކުރެވޭ ބިން އެހެން މީހެއްގެ މައްޗަށް މިލްކުކޮށް ދިނުމުގެ ހައްގު މިލްކުވެރިޔާއަށް ލިބިގެންވާކަމަށް އިސްލާހުގައިވަނީ ބުނެފަ އެވެ.

މިލްކުކޮށް ދެވޭ ބިން ދައުލަތަށް ނަގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށްވެސް އިސްލާހުގައިވެ އެވެ.