ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެ ގައުމުގެ ޙަލަބު ސިޓީގައި ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ސީރިއަސްކަމާއި ސީރިއާގެ ކުޑަކުދިންގެ ހާލު މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިން، ފަސް އަހަރުގެ އުމްރާން ދަގްނީޝްގެ ބޭބެ، އަލީ ދަގްނީސް މަރުވެއްޖެ އެވެ.

އަލީ ދަގްނީޝް، 10، މަރުވެފައި ވަނީ، ހަލަބަށް ސީރިއާގެ ސަރުކާރުގެ އަސްކަރިއްޔާ އިން ދިން ވައިގެ ހަމަލާއެއްގައި އުމްރާންގެ އާއިލާ ދިރިއުޅެމުންދާ އެޕާޓްމަންޓަށް މިދިޔަ ބުދަ ދުވަހު އަމާޒުވި ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަލެޕޯގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި ލޯކަލް ކައުންސިލްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އުމްރާންގެ ބޭބެ، އަލީ މަރުވެފައި ވަނީ އިއްޔެ އެވެ. އަދި އޮންލައިންގައި ދައުރު ވަމުންދާ ފޮޓޯތަކުން ހޭނެތިފައި އޮތް އަލީގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، ނޭވާލަމުން ދިޔައީ ޓިއުބެއްގެ އެހީގަ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ، އަލީ ހަށިގަނޑުގެ ތެރެއަށް ލޭ އެޅިފައިވާ އިރު ގުނަވަންތައް ވެސް ވަނީ ހަލާކުވެފަ އެވެ.

އުމްރާންގެ އާއިލާ ދިރިއުޅެމުންދާ އެޕާޓްމަންޓަށް އަމާޒުވި ހަމަލާގައި އުމްރާއާއި އޭނާގެ މައިންބަފައިންނާއި، އެއްބަނޑު އެއްބަފާ ތިން ކުދިން ސަލާމަތްވި އިރު، އެ އެންމެން ވެސް ސަލާމަތްކޮށްފައި ވަނީ ބިމާހަމަވި އެޕާޓްމަންޓުގެ ދަށުންނެވެ.

އުމްރާން އަދި އަލީގެ ބައްޕަ އަބޫ އަލީ މީޑިއާތަކަށް ބުނީ، އެމީހުން ދިރިއުޅެމުން ދިޔަ އެއްބުރީގެ އިމާރާތަށް ހަމަލާ އަމާޒުވި އިރު، މަރުވި އަލީ ހުރީ ރަހުމަތްތެރިންތަކަކާ އެކު އިމާރާތުގެ ބޭރު މަގުމަތީގައި ކުޅެންށެވެ.