ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު މިވަނީ ސަޕޯޓަރުންނަށް ސިހުން ލިބޭ ކަހަލަ ވާހަކަ އެއް ދައްކައިފައެވެ. ބޮލީވުޑް ފަންނާނުން ހޮލީވުޑަށް ނުކުތުމަށް މަސައްކަތް ކުރަމުން އަންނަ އިރު ރަންބީރު މިވަނީ ހޮލީވުޑް ފިލްމެއް ދޫކޮށްލައިފައެވެ.

"ސްޓާވޯޒް"ގެ ފިލްމެއްގެ ރޯލެއް ކުޅެން ފުރުސަތު ލިބުނު ކަން ރަންބީރު ހާމަކުރީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައެވެ. އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ނުދިން ނަމަވެސް ރަންބީރު މިވަނީ "ސްޓާވޯޒް"ގެ ފިލްމަކުން ފުރުސަތު ލިބި، އެ ފުރުސަތު ގަބޫލު ނުކުރި ކަމަށް ބުނެފައެވެ.

ރަންބީރާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، އޭނާ އަށް ފުރުސަތު ލިބުނީ ފިލްމުގެ ދެވަނަ ލީޑު ރޯލު ކުޅުމަށެވެ.

ނަމަވެސް އެ ފިލްމު ދޫކޮށްލީ އޮޑިޝަން ދޭން ޖެހޭތީ ކަމަށް ރަންބީރު ވަނީ ބުނެފައެވެ. ރަންބީރު ބުނީ ފިލްމުތަކަށް އޮޑިޝަން ދިނުމަކީ އޭނާ ވަރަށް ބިރުގަންނަ ކަމެއް ކަމަށެވެ.

ހޮލީވުޑްގެ ފިލްމަކަށް ރަންބީރު ނޫނެކޭ ބުނި ނަމަވެސް ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަދުކޯން އަދި އަލީ ފަޒަލް ފަދަ ތަރިން އަންނަނީ ހޮލީވުޑުގެ މަސައްކަތްތައް ކުރަމުންނެވެ.