ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަން އިންތިހާބުކޮށްފި އެވެ.

މިނިސްޓަރު އަޒްލީން އެ މަގާމަށް އިންތިހާބު ކުރެއްވީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ އިއްތިފާގުން ނެވެ.

ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ޓަކައި އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރަކު އައްޔަންކުރައްވަންވާނެ ކަމަށެވެ.

އެގޮތުން އެލްޖީއޭގެ ބޯޑަށް ކުރީގެ ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު އައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.

މިއަދު އެލްޖީއޭގެ ރައީސް ކަމަށް އަޒްލީން އިންތިހާބުކޮށްފައިވާ އިރު، އެލްޖީއޭގެ ބޯޑުގެ ރައީސް ކަމުގައި އެންމެ ފަހުން ހުންނެވީ ޒުހޫރު އެވެ.