21 Aug 2016, 15:18
ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ގޯލްމާލް 4" ގެ ލީޑު ރޯލުން ފެނިގެންދާނެ އަންހެން ފަންނާނަކާ ގުޅިގެން މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. އަންހެން ލީޑު ރޯލު ކުޅޭނެ ފަންނާނަކާ މެދު ސުވާލު އުފެދުނީ "ގޯލްމާލް"ގެ ފިލްމުތަކުގެ ލީޑުން ފެންނަ ކަރީނާ ކަޕޫރު ޚާން ބަނޑުބޮޑުވުމާ ގުޅިގެން ކުރިއަށް އޮތް "ގޯލްމާލް 4" ން އޭނާ ނުފެންނާނެ ކަން ޔަގީންވުމުންނެވެ.
ކަރީނާ ފިލްމުން ނުފެންނާނެ ކަން ޔަގީންވުމާ އެކު ދެން ހަބަރުތައް ބުނަން ފެށީ ފިލްމުން ފެންނާނީ ދީޕިކާ ޕަދުކޯން ނުވަތަ އާލިއާ ބަޓް ކަމަށެވެ.
ނަމަވެސް ރޯހިތު ޝެޓީ މިވަނީ ދީޕިކާ އަދި އާލިއާ ވެސް ފިލްމުން ނުފެންނާނެ ކަމަށް ބުނެފައެވެ.
ފިލްމުގެ ކާސްޓާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޯހިތު ބުނީ "ގޯލްމާލް" ގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރިކަން އާލިއާ ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ވެސް އާލިއާ އަންނަނީ ދެތިން ފިލްމުގެ މަސައްކަތް ކުރަމުން ކަމަށާއި، "ގޯލްމާލް 4" ށް އާލިއާ އަށް ވަގުތު ދެވެން ނެތް ކަމަށެވެ.

ރޯހިތު ޝެޓީ --
"ދީޕިކާ ވެސް ނުފެންނާނެ ފިލްމުން. ދީޕިކާ އާއެކު އަހަރެން މަސައްކަތް ކުރަން ބޭނުން ނަމަ ހަދާނީ ޗެންނާއި އެކްސްޕްރެސް ކަހަލަ ފިލްމެއް،" ކުރިން ވެސް ދީޕިކާ އާއެކު މަސައްކަތް ކޮށްފައިވާ ޑައިރެކްޓަރު ބުންޏެވެ.
ރޯހިތު ބުނީ "ގޯލްމާލް 4" ގެ ލީޑު އަންހެން އެކްޓަރު ފައިނަލް ކުރުމަށް މިހާރު ވެސް ބައެއް އެކްޓަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަންނާނެއްގެ ގަން ހާމަކޮށްފައެއް ނުވެއެވެ.
"ގޯލްމާލް 4" ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.