ޖަރުމަނުގެ ފްރެންކްފާޓުން ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުކުރަން އޮތް ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގެ ޕައިލެޓު ބަނގުރާ ބޮއިގެން މަސްތުވެ، އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެ ފްލައިޓު ޑިލޭވުމުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން އެ ޕައިލެޓާ މެދު ފިޔަވަޅު އަޅައިފިއެވެ.

ހުކުރު ދުވަހު އެ ފްލައިޓު ފްރެންކްފާޓުން ނައްޓާލަން ތައްޔާރުވެފައި ވަނިކޮށް، ފްރެންކްފާޓު އެއާޕޯޓުގެ ސެކުރިޓީން ވަނީ ޕައިލެޓުގެ ހަށިގަނޑުގައި ރަލުގެ އަސަރު ހުރި މިންވަރު ދެނެގަންނަ ޓެސްޓު ހަދާފައެވެ. އެ ޓެސްޓުގެ ނަތީޖާ ދެއްކި ގޮތުގައި އެ ޕައިލެޓް ހުރީ މާ ގިނައިން ރާ ބޭނުންކޮށް، ފްލައިޓު ދުއްވޭ ހާލަތުގައެއް ނޫނެވެ.

އެހެންކަމުން އެ ފްލައިޓު 15 ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ޑިލޭ ވެގެން ދިޔަ އިރު، ސްރީލަންކަން އެއާލައިންސްއިން ބުނީ ފްލައިޓު ޑިލޭވީ ފްލައިޓު ކްރޫ މެމްބަރެއް ނުލިބިގެން ކަމަށެވެ.

ލަންކާގެ ސަންޑޭ އޮބްޒާވާ ނޫހުން ބުނާ ގޮތުގައި، ޕައިލެޓް މަސްތުވެފައި ހުރުމުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއަށް ވަނީ މާލީ ގެއްލުންތަކެއްގެ އިތުރުން ބޮޑު ލަދުވެތިކަމެއް ކުރިމަތިވެފައެވެ. މީގެ އިތުރުން ފަސިންޖަރުންނަށް ވެސް ބޮޑެތި ދަތިތަކަކާއި ގެއްލުންތަކެއް ކުރިމަތިވިއެވެ.

ސްރީލަންކާގެ ނޫސްވެރިޔާ ނާމިނީ ވިޖެދާސަ ބުނި ގޮތުގައި، މަސްތުވެފައި ހުރި ޕައިލެޓު ދަތުރުކުރުމުން ހުއްޓުވީ، އެއާޕޯޓުގައި ތިބި އެހެން ޕައިލެޓުންނެވެ.

ސްރީލަންކަން އެއާލައިންސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، ވިލާތުގެ އިއްތިހާދުގެ ރެގިއުލޭޝަންތަކާ އެއްގޮތަށް ކަސްޓަމަރުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދޭނެ ކަމަށެވެ.

ފްރެންކްފާޓަށާއި ޕެރިހަށް ސްރީލަންކަން އެއާލައިންސްއިން ކުރާ ދަތުރުތައް މި އަހަރުގެ ފަހުކޮޅު ހުއްޓާލަން ވަނީ ހަމަޖެހިފައެވެ.