ހައުސިން މިނިސްޓްރީން މާލޭގައި ތަރައްގީ ކުރާ ހިތްފަސޭހަ ދެ މައިދާނެއްގައި ވެންޑިން މެޝިން ބެހެއްޓުމަށް ނިންމައިފިއެވެ.

އެމިނިސްޓްރީން ބުނީ އަލަށް ވެންޑިން މެޝިން ބަހައްޓަން ނިންމާފައިވަނީ ގައުމީ ދާރުލްއާސާރު ކަންމަތީގައި ތަރައްގީކުރަމުންދާ މައިޒާނުގައާއި، ސޯސަންގޭގެ ބައެއްގައި ތަރައްގީކުރަމުން ގެންދާ މައިޒާނުގައި ކަމަށެވެ.

އެމިނިސްޓްރީން މިހާރު ވަނީ އެ ދެ ސަރަހައްދުގައި އަމިއްލަ ހަރަދުގައި ވެންޑިން މެޝިން ބަހައްޓައި އަދި އޮޕަރޭޓްކޮށްދޭނެ ފަރާތެއް ހޯދުމަށްބިޑަށްލާފައެވެ.

އެ މައިޒާންތަކުގައި ބަހައްޓަނީ ކޮންކަހަލަ ވެންޑިން މެޝިންތަކެއް ކަމެއް އަދި ހާމައެއްނުކުރެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ވެންޑިން މެޝިންތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ފިނި ބުއިންތަކާއި ހޫނު ބުއިންތަކުގެ އިތުރުން ތަފާތު ލުއި ކާނާތައް ލިބޭ މެޝިންތައް ހިމެނެއެވެ.

އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހެވެ.

މީގެ ކުރިންވެސް މާލޭގައި ވަނީ ވެންޑިން މެޝިން ބަހައްޓާފައެވެ. ފިނި ބުއިންތައް ލިބޭ އެމެޝިނަށް ގިނަބައެއްގެ ތަރުހީބު ލިބުނެވެ.