އަތޮޅުގެ އެތެރެވަރީގައި އުޅޭ މިޔަރު ބޭނުމާއި އެފަދަ މިޔަރު ވިޔަފާރީގެ ގޮތުގައި ބޭނުންކުރުން މަސްވެރިކަމާ ބެހޭ ގާނޫނުން ބާރުލިބިގެން މަނާކޮށްފައި ވަނިކޮށް، މިޔަރު ބާނައިގެން މާރުކޭޓްގައި ވިއްކުން އާންމު ވަމުންދާ ކަމަށް މެރިން ރިސާޗު ސެންޓަރުން މިއަދު ބުނެފި އެވެ.

މެރިން ރިސާޗު ސެންޓަރުގެ ރިސާޗު އޮފިސާ ޔޫސުފް ރިލްޟުވާން މިއަދު ވިދާޅުވީ އަތޮޅު ތެރޭގެ ފަރުތަކުގައި އުޅޭ މިޔަރު ހިފުމާއި ބޭނުން ކުރުން މަނާކޮށްފައި ވަނިކޮށް، ބައެއް މަސްވެރިން މިޔަރު ބާނައިގެން ވިޔަފާރީގެ ގޮތުގައި މާލޭގެ މަސް މާރު ކޭޓަށް އަރުވަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި މިޔަރު ބާނައިގެން ވިއްކަމުންދާތީވެ މެރިން ރިސާޗު ސެންޓަރުގެ ބައެއް އޮފިޝަލުން މާރުކޭޓަށް އަރުވަމުންދާ މިޔަރު ބަލައި މޮނީޓާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޟްވާން މިއަދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މާރުކޭޓަށް މިޔަރު މަސް އަރުވައިގެން ވިޔަފާރި ކުރަން އުޅުނު މަސްވެރިއަކު ފުލުހުން ހުއްޓުވި ކަމަށާއި އޭނާ އަށް ފުލުހުން ނަސޭހަތްތެރިވުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން އެފަދަ ކަންތައްތައް ތަކުރާރުވަމުންދާ ނަމަ ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ތެރޭގެ އެތެރެވަރިޔާއި ފަރާއި ފަޅާއި ހާތަކުގެ އިތުރުން ގިރި ފަދަ ތަންތަނުގައި އުޅޭ މިޔަރު ހިފުން ފިޝަރީޒް މިނިސްޓްރީން މަނާކޮށްފައި ވަނީ އެފަދަ ތަންތަނުގައި އުޅޭ މިޔަރު މަދުވަމުންދާތީ ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެތީ އެވެ. ނަމަވެސް މާ ކަނޑުގައި އުޅޭ މިޔަރު ހިފުން މިނިސްޓްރީން މަނާކޮށްފައެއް ނުވެ އެވެ.

މަސްވެރިކަމާ ބެހޭ ގާނުނުގެ 10 ވަނަ މާއްދާގެ ދަށުން ދިރުން ހުރި ކަނޑުގެ ބާވަތްތައް ހާއްސަ ބޭނުމަށްޓަކައި ކަނޑައަޅޭ ސަރަހައްދަކުން އެ ބޭވަތުގެ އެއްޗެހި ހިފުމާއި ބޭނުމާއި ނެގުމަށް ކަނޑައެޅޭ މުއްދަތަކަށް މަނާކުރުމުގެ އިހްތިޔާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ.