21 Aug 2016, 13:47
އަލް ޖަޒީރާ އިން ދިވެހި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ރިޕޯޓެއް ތައްޔާރު ކުރިކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެފަދަ ރިޕޯޓެއް އެ ޓީވީ އިން ހެދިކަން ނޭނގޭ ކަމަށާއި އެ ރިޕޯޓަށް ރައީސް އޮފީހުގެ ކޮމެންޓެއް ހޯދަން އެދިފައި ވެސް ނުވާ ކަމަށެވެ.
"އެބޭފުޅުން އިންޓަވިއުއެއް ހޯދަން މަސައްކަތްކޮށްފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލްޖަޒީރާގެ ނޫސްވެރިން ރާއްޖެ އައިކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެނޫސްވެރިން ބޭނުންވެގެން ބައެއް ކަންކަން ރައީސް އޮފީހުން ކޮށްދެއްވި ކަމަށެވެ. ނަމަވެސް އެފަދަ ރިޕޯޓެއްގެ މައުލޫމާތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުއްދަ ލިބޭނެ ތަންތަން ގައިޑްކޮށްދީ ހެދިން،" އޭނާ ވިދާޅުވި އެވެ.
"ސްޓީލިން ޕެރެޑައިސް" ނަމުގައި މި މަހު ފަހުކޮޅު އަލްޖަޒީރާ އިން ނެރެން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ލިޔުންތަކުގައި ބުނާ ގޮތުން ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައުލޫމާތު އެރިޕޯޓުގައި ހިމެނޭނެ އެވެ.